ދަބަހެއްގެ ތެރެއަށްލާފައި މަގުމައްޗަށް އެކަނި ދޫކޮށްލި ތުއްތު ”އެލްސާ“ އެޑޮޕްޓު ކުރުމުގެ ހުއްދަ އެ ކުއްޖާ މިހާރު ބަލަމުންގެންދާ އާއިލާއަށް، ލަންޑަންގެ ފެމިލީ ކޯޓަކުން ދީފިއެވެ.
ނިއުހަމްގެ ޕޭވްމަންޓެއްގެ މަތީގައި އެލްސާ ބާއްވާފައި އޮއްވާ ފެނިފައިވަނީ، އެ ސަރަހައްދުން އެ ވަގުތު ކުއްތާއެއް ގޮވައިގެން ހިނގާލަން ނިކުމެ އުޅުނު މީހަކަށެވެ. މި ހާދިސާ ހިނގާފައިވަނީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހުގައެވެ.
ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި، އެލްސާގެ ޑީއެންއޭ ޓެސްޓު ކުރުމުން، އޭނާގެ އެއްބަނޑު ދައްތައަކާއި ބޭބެއެއް ހުންނަކަން ވަނީ ހާމަވެފައެވެ. އަދި އެކުދިން ވެސް ހަމަ މިފަދައިން މަގަށް ދޫކޮށްލިކަން 2017 ވަނަ އަހަރުއާއި 2019 ވަނަ އަހަރު ހާމަވެފައިވާކަމަށް ވެސް ބުނެފައިވެއެވެ.
އެލްސާގެ އުމުރުން މިހާރު ގާތްގަނޑަކަށް 2 އަހަރު ފުރުމާ ގާތްވެފައިވާއިރު، އޭނާގެ ބޭބެ ހެރީގެ އުމުރަކީ 8 އަހަރެވެ. އަދި ދައްތަ ރޯމަންގެ އުމުރަކީ 6 އަހަރެވެ.
ފުލުހުން ބުނީ އެ ކުދިންގެ މައިންބަފައިން ހޯދުމަށް މިހާތަނަށް ކުރި ހުރިހާ މަސައްކަތެއް ނާކާމިޔާބުވެފައިވާ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ކޯޓުން ކުރި އަމުރުގައި ބުނެފައިވަނީ އެލްސާގެ ހާލު މިހާރު ރަނގަޅު ކަމަށާއި އޭނާ މިހާރު ބަލަމުންގެންދާ އާއިލާއާއެކު އޭނާ ވަރަށް އުފަލުގައި ހުރިކަން ހާމަވެފައިވާ ކަމަށެވެ. އަދި އެލްސާގެ އަމިއްލަ އެއްބަނޑު ކުދިންނާވެސް ބައްދަލުވެ ގާތްގުޅުމެއް އުފެދިފައިވާކަން ކޯޓުން ފާހަގަ ކޮށްފައިވެއެވެ.
އެހެންކަމުން ކޯޓުން އަމުރުކުރީ އެލްސާ މިހާރު ބަލަމުންދާ އާއިލާއަށް އެލްސާ އެޑޮޕްޓް ކުރުމުގެ ހުއްދަ ދިނުމަށެވެ. ނަމަވެސް ގަވައިދުން އޭނާގެ އެއްބަނޑު ކުދިންނާވެސް ބައްދަލުކުރުވަން ޖެހޭނެކަމަށް އަމުރުކޮށްފައިވެއެވެ. އެގޮތުން އެއްކޮށް އުޅެން ދިޔުމާއި، ވީޑިއޯ ކޯލު މެދުވެރިކޮށް ވާހަކަ ދެއްކުން ހިމެނޭކަމަށް ވެސް ކޯޓުން ބުންޏެވެ.



