މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހު ރިލީޒްކުރި ބޮލީވުޑްގެ ކާމިޔާބު ފިލްމު ”ދުރަންދަރް“ ގެ ކާމިޔާބާއެކު، އެ ފިލްމުގައި ވިލަންއެއްގެ ރޯލު ކުޅުނު އަކްޝޭ ކަންނާގެ ފީވެސް ބޮޑުވެއްޖެއެވެ.
ދުރަންސަރްގައި އަކްޝޭ ދައްކުވައި ދީފައިވާ އެ ރޯލަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ. ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި މި ފިލްމުގައި ލީޑް ރޯލު ކުޅޭ ރަންވީރް ސިންގަށްވުރެ އަކްޝޭގެ އެކްޓިންގް މާ މޮޅު ވެފައި ފާހަގަ ކޮށްލެވެއެވެ.
ސްޕައި ތުރިލަރެއްގެ ޖޯންރާއަށް އުފައްދާފައިވާ ”ދުރަންދަރް“ އަށް އިންޑިއާގެ ބޮކްސް އޮފީހުން ވަނީ 831 ކްރޯޑް ރުޕީސް ލިބިފައެވެ. އަދި އެހެން ޤައުމުތަކުން މި ފިލްމަށްވަނީ 1220 ކްރޯޑް ރުޕީސް ލިބިފައެވެ.
ދުރަންދަރްގެ ކާމިޔާބާ ބެހޭގޮތުން ޖީ7 މަލްޓިޕްލެކްސް އަދި މަރާތާ މަންދިރް ސިނަމާގެ އެގްޒެކެޓިވ ޑިރެކްޓަރ މަނޯޖް ދެސާއީ ބުނީ، އެ ފިލްމަށް އެވަރުގެ ކާމިޔާބީއެއް ލިބުނީ، ފިލްމުގެ ޕްރޮމޯޝަންގެ ވަރުގަދަ ކަމުންނާއި ޚާއްސަކޮށް އަކްޝޭގެ ލަވަ ޔޫޓިއުބުގައި ފުރަތަމަ ދެއްކުމުން ކަމަށެވެ.
އަކްޝޭގެ ފީ ބޮޑުކުރުމާ ބެހޭގޮތުން މަނޯޖް ބުނީ، މިއީ ކާމިޔާބީއެއް ލިބުމުން ގިނަ އެކްޓަރުންނަށް ވާގޮތެއް ކަމަށާއި އަކްޝޭ ވެސް އެފަދައިން ކަންތައް ކުރުމުން އޭނާއަށް ”ދްރިޝިއަމް 3“ ގެއްލިފައިވާ ކަމަށެވެ. އަދި އެއީ އަކްޝޭ ކޮށްގެންވާނެ ކަމެއް ނޫން ކަމުގައި ވެސް މަނޯޖް ބުންޏެވެ.



