އަވަށްޓެރި ޝްރީ ލަންކާއަކީ ދިވެހިންގެ ދެވަނަ ވަޒަން ކަމަށާއި ބިނާކުރަނިވި މަޝްވަރާއަކީ ގުޅުން ބަދަހިކުރަން އެންމެ މުހިއްމު ކަންތައް ކަމަށް، ލަންކާގެ އިދިކޮޅު އެއް ލީޑަރު ނަމަލް ރާޖަޕަކްސާ އިއްޔެ ވިދާޅުވެއްޖެއެވެ.
ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދު، ނަމަލްގެ ދައުވަތަކަށް އިދިކޮޅު މައި ޕާޓީ ޝްރީ ލަންކާ ޕޮޑުޖަނަ ޕެރަމޫނާ (އެސްއެލްޕީޕީ)ގެ އޮފީހަށް ކުރެއްވި ޒިޔާރަތެއްގެ ފޮޓޯތަކާ އެކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަމަލް ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި އެއްބާރުލުން ހަރުދަނާ ކުރަން ވެސް ބިނާކުރަނިވި ގޮތަކަށް މުއާމަލާތް ކުރުން މުހިއްމު ކަމަށެވެ.
”އެކުގައި މަސައްކަތް ކޮށްގެން އަޅުގަނޑުމެންގެ ގުޅުން އާ އުސްމިންތަކަކަށް ގެންދެވިދާނެ،“ ނަަމަލް ވިދާޅުވެފައިވެއެވެ.
ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ދަރިކަލުން ނަމަލް ރާޖަޕަކްސާއަކީ އެ ގައުމުގެ ޕާލަމެންޓުގެ މެންބަރެކެވެ. މަހިންދަ އިސްކޮށް ހުންނަވާ އެސްއެލްޕީޕީ ހިންގެވުމުގައި ވެސް މިހާރު އެންމެ އިސްކޮށް އުޅުއްވަނީ ނަމަލް އެވެ.
ރާއްޖޭގެ ސަފީރު މަސްއޫދު އެސްއެލްޕީޕީގެ އޮފީހަށް ވަޑައިގަތީ ކުރިއްސުރެ އޮންނަ އެކުވެރިކަމުގެ ތެރެއިން ނަމަލް ދެއްވި ދައުވަތަކަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތެއްގެ ތެރެއިންނެވެ.




