ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް އިތުރު ފުރުސަތެއް ދީފި އެވެ.
މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ބުނީ، ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގުޅީފަޅަށް ބަދަލުވުމަށް އެ މިނިސްޓްރީން ހުޅުވާލި ފުރަތަމަ ފުރުޞަތުގެ ދަށުން، އެކަމަށް އެދި ހުށަހެޅުއްވި ފަރާތްތަކުގެ އަދަދަށް ރިއާޔަތްކޮށް، 2450 އަދި 2050 އަކަފޫޓުގެ ގޯއްޗަށް އެދި ހުށަހަޅުއްވާފައިވަނީ ގުޅީފަޅަށް ބަދަލުކުރުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ މަދު އަދަދެއްކަމަށެވެ. އަދި، ގުޅީފަޅަށް ބަދަލުވުމަށް ހުށަހަޅާފައިވާ ރިކުއެސްޓްތަކަށް ބަލައި ގޯތި އިތުރުކޮށް، ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނެވިފައިވާކަމަށެވެ.
މިބަދަލާއި ގުޅިގެން 1250 އަކަފޫޓުގެ 196 ގޯތި އަދި 1650 އަކަފޫޓުގެ 683 ގޯތި ބަދަލުކުރުމުގެ ފުރުސަތު އޮތުމާއެކު، ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގުޅީފަޅަށް ގޯތި ބަދަލުކުރުމުގެ އިތުރު ފުރުސަތެއްދޭން ނިންމީކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
އެހެންކަމުން ގުޅީފަޅަށް ބަދަލުވާން ބޭނުންވާ ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުން ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ގުޅީފަޅަށް ގޯތި ބަދަލުކުރުމަށް މިއަދުން ފެށިގެން 13 މެއި 2024 ވާ ހޯމަ ދުވަހުގެރޭ 23:00 ގެ ކުރިން ހުށަހެޅުއްވުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ. އަދި ކަނޑައަޅާފައިވާ އަދަދަށްވުރެ ގުޅީފަޅަށް ބަދަލުވާން ހުށަހަޅާ ފަރާތްތަކުގެ އަދަދު އިތުރުވެއްޖެނަމަ، ގުޅީފަޅުން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތުންކަމަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.




