އިންތިޚާބާއި ކައިރިކޮށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ނުކުރެވޭ ގޮތަށް ލާމަރުކަޒީ ޤާނޫނަށް ގެނައީ ރަނގަޅު ބަދަލެއް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
އޭސީސީން ބުނީ އިންތިޚާބާއި ދިމާކޮށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކުރާ ކަމުގެ މައްސަލަތައް މީގެކުރިން އެކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.
ދައުލަތުގެ މީޑިއާއިން ދެއްކި ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން އޭސީސީގެ ޑިރެކްޓަރ އޮފް ޕްރިވެންޝަން، އެޑިއުކޭޝަން އެންޑް އެޑްވޮކަސީ ޢަލީ ޝަމީމް އާދަމް ވިދާޅުވީ، ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އިންތިޚާބުތަކާއި ގުޅިގެން ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރާ މައްސަލަ ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށެވެ.
”މިގޮތަށް މި ބަދަލުތައް ގެނައުމަކީ ވަރަށް ރަނގަޅު ކަމެއް، އެއީ އަޅުގަނޑުމެންނަށް މީގެކުރިން އެބަހުރި ފާހަގަވެފައި އިންތިޚާބާއި ކައިރިވީމަ، މިހާރުވެސް ކައުންސިލްތަކުގައި ކައުންސިލަރުންގެ ގޮތުގައި ތިބޭ ފަރާތްތަކުން ނާޖާއިޒު ގޮތުގައި އެތަންތަން ބޭނުން ކޮށްފައި. ރަށްރަށުގައި ހުރި ބިންތައް ކުއްޔަށް ދިނުމާއި، އެގްރިމެންޓްތައް އައު ކުރުމާއި، ވަޒީފާތައް ދިނުމާއި، މިކަހަލަ ކަންތައް ކުރެވިފައި ހުރީ. އެހެންވީމަ މި ޤާނޫނުގެ ސަބަބުން އެބައި ވަރަށް ބޮޑަށް މަދުވާނެ ކަމަށް މި ބެލެވެނީ “ ޝަމީމް ވިދާޅުވިއެވެ.




