ކުރީގެ ރައީސް ޢަބްދުﷲ ޔަމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި، އެމަނިކުފާނުގެ ކެބިނެޓަށް ރިޓަޔަރ ކުރައްވާފައި ތިބި ބޭފުޅުން އައްޔަނު ކުރުން އެމަނިކުފާނަށް ކަމުދިޔަ ކަމަށާއި ނަމަވެސް މިހާރު އެކަން ރައީސް ޔާމީނަށް ކަމުނުދާކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޝުޖާއު މިހެން ވިދާޅުވީ، ޕެންޝަން ލިބި، ރިޓަޔަރމަންޓް އިނާޔަތް ލިބެމުންދާ ފަރާތްތަކުން އަލުން ސަރުކާރުގެ ވަޒީފާތަކަށް އައުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވުމުން އެކަމަށް ”އެކްސް“ މެދުވެރިކޮށް މިއަދު ރައްދު ދެއްވަމުންނެވެ.
ޕީއެންއެފް އިން ރޭގައި ބޭއްވި ޓައުން ހޯލް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މީހަކަށް ރިޓަޔަރމަންޓް ދެނީ އެމީހެއްގެ ޚިދުމަތް ގަބޫލުކުރުމަށްފަހު، އެމީހެއްގެ ޚިދުމަތުގެ ދައުރު ނިމުމަކަށް އައުމުން ކަމަށެވެ.
އެހެންކަމުން، ރިޓަޔަރ ކުރުމަށްފަހު އަނެއްކާވެސް ސަރުކާރުގެ ވަޒީފާއަކަށް އައުމަކީ އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ އުސޫލެއް ނޫން ކަމަށް ފާހަގަކުރެއްވިއެވެ. ނަމަވެސް، އިންތިޚާބެއްގައި ވާދަކޮށްގެން ކާމިޔާބުވާ މަގާމުތަކަށް އައުމަކީ މި އުސޫލުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
މިކަމަށް ރައްދު ދެއްވަމުން މެންބަރު ޝުޖާއު ވިދާޅުވީ، ރައީސް ޔާމީންގެ ކެބިނެޓަށް ރިޓަޔަރ ކޮށްފައި ތިއްބެވި ބޭފުޅުން އައްޔަން ކުރުން އެމަނިކުފާނަށް ކަމުދާ ކަމަށާއި މިހާރު ކަމުނުދާ ކަމަށެވެ.
”މިއީ ޒުވާނުންނަށް ނުބައި ވިސްނުން ވިސްނަދެއްވާ، ތާރީޚް އޮޅުވާލުމަށް ވެރިން ގެންގުޅުއްވާ އުކުޅުތަކުން އަދި ބައިކުޅަ ބައި.“ މެންބަރު ޝުޖާއު ވިދާޅުވިއެވެ.
ރައީސް ޔާމީން ވަނީ މި ސަރުކާރުން ރިޓަޔަރ ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް ސަރުކާރުގެ އިސް މަގާމުތައް ދެމުންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.




