ބަރަހަނާ މަންޒަރުތައް ފެނިދާނެކަމުގެ ބިރުއޮތުމުން، އެލޮން މަސްކުގެ ”ގްރޮކް“ ޗެޓްބޮޓް އިންޑޮނޭޝިއާގައި ބޭނުން ކުރުން ވަގުތީގޮތުން މަނާކޮށްފިއެވެ.
މިއީ މި އޭއައި ޓޫލް ބޭނުން ކުރުން މަނާކުރި ފުރަތަމަ ޤައުމެވެ.
އިންޑޮނޭޝިއާއިން ގްރޮކް މަނާކޮށްފައި މިވަނީ، އެ ޗެޓްބޮޓްގައި ބަރަހަނާ މަންޒަރު އެކުލެވޭކަމަށް ބެލެވޭކަަމަށް، އެ ޤައުމުގެ ސަރުކާރުގެ ބައެއް ރިސާޗަރުންނަށް ހާމަކުރުމާ ގުޅިގެންނެވެ.
ގްރޮކްގެ ސްޓާޓަޕް ކުންފުންޏެއް ކަމަށްވާ އެކްސް.އޭއައި އިން މިދިޔަ ބުރާސްފަތި ދުވަހު ބުނީ، ފައިސާ ދައްކައިގެން އެ ޗެޓްބޮޓް ބޭނުން ކުރާ ފަރާތްތަކަށް އޭގައި ފޮޓޯ ޖެނެރޭޓް ކުރުމާއި އެޑިޓު ކުރުން މަނާކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މިކަމާ ބެހޭގޮތުން ކޮމިއުނިކޭޝަންސް އެންޑް ޑިޖިޓަލް މިނިސްޓަރ މޫތިޔާ ހާފިދް ބުނީ، ބަރަހަނާ މަންޒަރުތައް ހިމެނޭ ފޮޓޯއާއި ވީޑިއޯ، އެމީހެއްގެ ރުހުމަކާ ނުލައި އާންމު ކުރުމަކީ އެ ޤައުމުގައި ބޮޑުވެގެންވާ ކުށެެއްކަމަށެވެ.
އިތުރަށް މަޝްވަރާ ކުރުމަށް އެ ބައްދަލުވުމަށް އެ މިނިސްޓްރީން ވަނީ ”އެކްސް“ ގެ ބައެއް އޮފިޝަލުން ވެސް ހާޒިރުކޮށްފައެވެ.
މިކަމާ ބެހޭގޮތުން މަސްކު ބުނީ، ގްރޮކް ބޭނުން ކޮށްގެން ޤަވައިދާ ހިލާފު އެއްވެސް ކަމެއް ކުރަން އުޅެފިނަމަ، އެމީހަކާމެދު އަމަލު ކުރެވޭނީ ގަވައިދާ ހިލާފު ކޮންޓެންޓެއް ޕޯސްޓު ކުރުމުން އަދަބު ދެވޭނެ ފަދައިން ކަމަށެވެ.



