މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ފަށާފައިވާ ”އޮޕަރޭޝަން އަލިމަގު“ ގެ ދަށުން މާލޭ ސަރަހައްދާއި ގއ. އަތޮޅުގައި މިއަދު ޚާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
އޮޕަރޭޝަން އަލިމަގަކީ ރާއްޖެއިން ޑްރަގު ވިޔަފާރީގައި ބައިވެރިވާ މީހުންނާ ދެކޮޅަށް ފުލުހުން މިދިޔަ ނޮވެމްބަރު މަހު ފެށި ޚާއްސަ އޮޕަރޭޝަނެކެވެ. އެގޮތުން މި އޮޕަރޭޝަން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަންނަނީ ކުރިއަށް ގެންދަމުންނެވެ.
ފުލުހުން މިއަދު ބުނީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާ ކުރާ ނެޓުވޯކުތައް ހުއްޓުވާ، ގާނޫނީ ފިޔަވަޅު އެޅުމަށް ކުރިއަށް ގެންދާ އޮޕަރޭޝަން އަލިމަގުގެ ދަށުން ގއ. އަތޮޅުގައި މިއަދު އޮޕަރޭޝަން ކުރިއަށް ގެންދަނީ އެ އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަނީ ލޯންޑްރިންގެ އަމަލުތައް ހިންގާކަމަށް ތުހުމަތު ކުރެވޭ މީހުންނަށް އަމާޒުކޮށްގެން ކަމަށެވެ.
މި އޮޕަރޭޝަނުގައި، ތުހުމަތު ކުރެވޭ މީހުންނާ ގުޅުންހުރި ތަންތަން ބަލައި ފާސްކޮށް، ގާނޫނު ތަންފީޒު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އަމަލީ މަސައްކަތް ކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިއަދުގެ އޮޕަރޭޝަން ކުރިއަށް ގެންދަނީ ސައުތު ޕޮލިސްގެ ހާއްސަ ޓީމުތަކާއި އިންޓެލިޖެންސާއި ޑްރަގް އެންފޯސްމެންޓު ވިންގު ގުޅިގެންނެވެ.



