އެއްވެސް އިންތިހާބެއްގައި ވޯޓުލުމާއި ވޯޓް ގުނުން ޑިޖިޓަލައިޒް ނުކުރާނެ ކަމުގެ ޔަގީންކަން އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އީސީގެ ރައީސް ޒާހިދު ވިދާޅުވީ މިފަހަރުގެ ލޯކަލް ކައުންސިލުގެ އިންތިހާބުގެ ހުރިހާ އިދާރީ ކަންކަމެއް ކުރިއަށް ގެންދަނީ ޑިޖިޓަލައިޒްކޮށް ނަމަވެސް ޑިޖިޓަލައިޒް ނުކުރާނެ ކަމަކީ ވޯޓް ނެގުމާއި ގުނުން އަދި ނަތީޖާ އިއުލާން ކުރުން ކަމަށެވެ. އަދި ކުރިއަށް އޮތް އިންތިހާބުތަކުގައި ވެސް އެ އުސޫލު ދަމަހައްޓާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
”މިސާލަކަށް ވޯޓުލުމާއި ވޯޓު ގުނުމާއި ވޯޓުގެ ނަތީޖާ އާއި ވޯޓުގެ ނަތީޖާއާ ގުޅިގެން އަންނަ ކަންތައްތަކާއި މިއިން އެއްވެސް ކަމެއް އަޅުގަނޑުމެން ޑިޖިޓަލައިޒެއް ނުކުރާނެ. އެކަން ކުރާނީ ހަމަ ފިޒިކަލްކޮށް މާޒީގައި ވެސް އަޅުގަނޑުމެން ކުރަމުން އައި ގޮތަށް،“ ޒާހިދު ވިދާޅުވި އެވެ.
މީގެއިތުރުން ޒާހިދު ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ ވޯޓުލުން ވެސް ވީހާވެސް އަމާންއޮމާން ކަމާއެކު، އިންސާފުވެރިކޮށް އަދި ނުފޫޒެއްނެތި ކުރިއަށް ގެންދިއުމަށް ގުޅުންހުރި އިދާރާތަކާއެކު ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.


