މާލެ ސިޓީގެ ޓީ-ޖެޓީ ސަރަހައްދަށް ކުނި އެޅީ މީހަކު މާލެސިޓީ ކައުންސިލުން ޖޫރިމަނާކޮށްފި އެވެ.
ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ޓީ-ޖެޓީ ސަރަަހައްދަށް ކުނި އެޅި މީހަކު ހޯދާ ޖުރިމަނާކޮށްފައިވާކަމަށެވެ. އަދި އެ ސަރަހައްދުގެ ފޮޓޮއަކާއި ، އެމީހާ ޖޫރިމަނާކުރި ފޯމުވެސް ސިޓީކައުންސިލުން ވަނީ އާންމުކޮށްފައެވެ. އެހެންނަމަވެސް އެމީހާގެ ވަނަވަރު ހާމަކޮށްފަ އެއް ނުވެއެވެ.އާންމުކޮށް ސިޓީ ކައުންސިލުން ޖޫރިމަނާގެ ގޮތުގައި ނަގަމުންދަނީ 500 ރުފިޔާ އެވެ.
ސިޓީ ކައުންސިލުން ދަނީ މާލެ މަގުމައްޗަށާއި، މާލޭގެ އެކި ސަރަހައްދުތަކަށް ކުނި އަޅަމުންދާ މީހުން ހޯދާ ޖޫރިމަނާކުރަމުންނެވެ. އަދި ފުލުހުންނާއި ގުޅިގެން އެފަދަ ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، ބައެއް ފަހަރު އެފަދަ މީހުންގެ ފޮޓޮއާއި ވީޑިއޯތައްވެސް ދަނީ އާންމުކުރަމުންނެވެ. އަދި މަގުމައްޗަށް ކުނި އަޅާ މީހުން ހޯދުމަށް އާންމުންގެ އެހީއަށްވެސް ސިޓީކައުންސިލުން ދަނީ އެދެމުންނެވެ.
ގަވާއިދާއި ޚިލާފަށް މާލޭގެ މަގުމައްޗަށް އަޅާފައި ހުންނަ ކުނި ސިޓީ ކައުންސިލުން ދަނީ ނަގަމުންނެވެ. މިއަދުވެސް މާލޭގެ ސަރަހައްދުތަކުގައި ބަހައްޓާފާއިވާ ޕެލެޓްތައް ނެގުމުގެ އިތުރުން ގ. ދޫހިމެރިމަގު ހަނިގޯޅިން ކުނިނަގައި ސާފުކޮށްފައި ވެއެވެ. އަދި، ރަސްފަންނުގެ ކަނޑުތޮށްޓާއި، މާލޭ އުތުރު ފަރާތުގެ ބަނދަރުގެ ފަޅުތެރޭ ހުރި ކުނިތައް ނަގާ ސާފުކުރި އެވެ. މީގެ އިތުރުން ސިޓީ ކައުންސިލްގެ މުވައްޒަފުން ވަނީ މާލޭ އިންޑަސްޓްރިއަލް ވިލެޖު ސާފުކުރުމުގެ މަސައްކަތުގައިވެސް ހަރަކާތްތެރިވެފަ އެވެ.
ކުނި އެޅުން މަނާ ތަންތަނަށް ކުނި ނޭޅުމަށް ތަކުރާރުކޮށް ސިޓީ ކައުންސިލުން ދަނީ އިލްތިމާސްކުރަމުންނެވެ. އަދި ބައެއް ސަރަހައްދުތަކުގައި ސިޓީ ކައުންސިލުން ވަނީ ދާދި ފަހުން ”ކުނި އެޅުން މަނާ“ ބޯޑުތަކެއްވެސް ހަރުކޮށްފަ އެވެ.



