މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގަމުންދާ ”އޮޕަރޭޝަން އަލިމަގު“ ގެ ތެރެއިން މިއަދު 10 ތަނެއް ބަލައިފާސްކޮށް ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އޮޕަރޭޝަން އަލިމަގުގެ ދަށުން މާލޭ ސަރަހައްދާއި ގއ. އަތޮޅުގައި ޚާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ހެނދުނު ވަނީ ބުނެފައެވެ.
މި އޮޕަރޭޝަނަކީ ރާއްޖެއިން ޑްރަގު ވިޔަފާރީގައި ބައިވެރިވާ މީހުންނާ ދެކޮޅަށް ފުލުހުން މިދިޔަ ނޮވެމްބަރު މަހު ފެށި ޚާއްސަ އޮޕަރޭޝަނެކެވެ. އެގޮތުން މި އޮޕަރޭޝަން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަންނަނީ ކުރިއަށް ގެންދަމުންނެވެ.
ފުލުހުން މިއަދު ބުނީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާ ކުރާ ނެޓުވޯކުތައް ހުއްޓުވާ، ގާނޫނީ ފިޔަވަޅު އެޅުމަށް ކުރިއަށް ގެންދާ އޮޕަރޭޝަން އަލިމަގުގެ ދަށުން ގއ. އަތޮޅުގައި މިއަދު އޮޕަރޭޝަން ކުރިއަށް ގެންދަނީ އެ އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް، މަނީ ލޯންޑްރިންގެ އަމަލުތައް ހިންގާކަމަށް ތުހުމަތު ކުރެވޭ މީހުންނަށް އަމާޒުކޮށްގެން ކަމަށެވެ.
މި އޮޕަރޭޝަނުގައި، ތުހުމަތު ކުރެވޭ މީހުންނާ ގުޅުންހުރި ތަންތަން ބަލައި ފާސްކޮށް، ގާނޫނު ތަންފީޒު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ އަމަލީ މަސައްކަތް ކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ”އެކްސް“ ގައި ކުރި ޕޯސްޓެއްގައި ބުނީ، މިއަދުގެ މަސައްކަތުން މިހާތަނަށް 10 ތަނެއް ބަލައިފާސްކޮށް 4 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.



