މިދިޔަ އަހަރު ޑިޕާޗަރ ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމަންޓު ފީގެ ގޮތުގައި ދައުލަތަށް 3.8 ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މޯލްޑިވްސް އިންލޭންޓް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް ޑިޕާޗަރ ޓެކްސްގެ ގޮތުގައި 1.89 ބިލިއަން ރުފިޔާ އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 1.91 ބިލިއަން ރުފިޔާ، މިދިޔަ އަހަރު ދައުލަތަށް ލިބިފައިވެ އެވެ.
ޑިޕާޗަރ ޓެކްހުގެ ގޮތުގައި މިދިޔަ އަހަރު 1.13 ބިލިއަން ރުފިޔާ ލިބުނު އިރު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނީ 1.15 ބިލިއަން ރުފިޔާ އެވެ.
ޑިޕާޗަރ ޓެކުހާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީތައް:
– އިކޮނޮމީ ކްލާސް: ދިވެހިން – 12 ޑޮލަރު / ބިދޭސީން – 30 ޑޮލަރު
– ބިޒްނަސް ކްލާސް: ދިވެހިން – 60 ޑޮލަރު / ބިދޭސީން – 60 ޑޮލަރު
– ފަސްޓް ކްލާސް: ދިވެހިން – 90 ޑޮލަރު / ބިދޭސީން – 90 ޑޮލަރު
– ޕްރައިވެޓް ޖެޓު: ދިވެހިން – 120 ޑޮލަރު / ބިދޭސީން – 120 ޑޮލަރު
މީރާގެ ރިޕޯޓުގައި ބުނެފައިވަނީ އެއާޕޯޓު ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ދައުލަތައް ލިބުނު އާމްދަނީ އިތުރުވީ، 2025 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމުން ކަމަށެވެ.
މިދިޔަ އަހަރު ރާއްޖެއަށް 2.2 މިލިޔަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.



