ރާއްޖޭގައި ދިހަހާހެއްހާ މީހުން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި އެބަތިބި ކަމަށް ނޭޝަނަލް ޑްރަގް އޭޖެންސީގެ ޗެއަރމަން އަޙުމަދު ޞިއްދީޤު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް ޑްރަގް އޭޖެންސީގެ މަސައްކަތްތަކާ ގުޅޭ ގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ޞިއްދީޤު ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތީ ބޭނުންކުރާ އަދަދަކީ ވަރަށް ބޮޑު އަދަދެއް ކަމަށެވެ.
”ތަފާސްހިސާބުތަކަށް ބަލާއިރު ގާތްގަނޑަކަށް 10ހާހެއްހާ މީހުން މަސްތުވާތަކެތީގެ ވަބާގައި ޖެހިފަ އެބަތިބި. ނިސްބަތުން މިއީ ވަރަށް ބޮޑު އަދަދެއް.“ ސިއްދީގު ވިދާޅުވިއެވެ.
މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ރަނގަޅު ފަރުވާދީ އެ މީހުން އަލުން އަނބުރާ މުޖުތަމަޢަށް ނެރެދިނުމުގަ ސަރުކާރުގަ އޮތީ ހެޔޮ ނިޔަތެއްކަން ފާހަގަކުރައްވާ ޞިއްދީޤު ވިދާޅުވީ ކުރިއަށް އޮތްތަނުގަ ޚިދުމަތް ފޯރުކޮށްދެވިގެންދާނީ ވަށާޖެހޭ ގޮތަށް ކަމަށެވެ.
އަދި މި މަސައްކަތުގެ މަލަމަތި ފެންނަ ކަމަށާއި އެންޑީއޭގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަން ޞިއްދީޤު ފާހަގަކުރެއްވިއެވެ.
މިގޮތުން ޞިއްދީޤު ވިދާޅުވީ މިއަހަރަކީ ކަންތައްތައް ތަންފީޒުކޮށް ނަތީޖާ ނެރުމަށް އަމާޒު ހިފާފައިވާ އަހަރެއް ކަމަށެވެ.
މި އަހަރުގެ ތެރޭގައި އުންމީދުކުރަނީ އެންޑީއޭގެ މަސައްކަތްތަކަށް ހެޔޮ ބަދަލުތަކެއްގެނެވި އިތުރު ފެސިލިޓީސްތަކެއް ހެދި ހަރުދަނާ ނިޒާމެއް ގާއިމްވެގެންދާނެ ކަމަށް ޞިއްދީޤު ވިދާޅުވިއެވެ.
މީގެ އިތުރުން ޞިއްދީޤު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބޭ މީހުން ރަނގަޅުކޮށް އެ މީހުން އަނބުރާ މުޖުތަމަޢަށް ނެރެވެނީ ދައުލަތުން ވަރަށް ބޮޑު ހޭދައެއްކޮށްގެން ކަމަށާއި މި މަސައްކަތުގައި މުޅި މުޖުތަމަޢުގެ އެއްބާރުލުން ވަރަށް މުހިންމު ކަމަށެވެ.




