ހއ. ދިއްދޫ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތުގެ ތެރެއިން ފަސް ދުވަސް ތެރޭގައި 21 ހެކްޓަރުގެ ބިން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހިއްކައިފިއެވެ.
އެމްއޭސީއެލްއިން ހިންގާ މި މަޝްރޫއުގައި ދިއްދޫ 110 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. މިއީ ދިއްދޫގެ މިހާރުގެ ބިމަށްވުރެ ބޮޑު ސަރަހައްދެކެވެ. ހިއްކާ ބިން ބޭނުންކުރާނީ ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގުމާއި ދިއްދޫގައި އެއާޕޯޓް އެޅުމަށެވެ.
އެ މަސައްކަތުގެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން އެމްއޭސީއެލްއިން މިއަދު ބުނީ، ދިއްދޫގެ ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 21 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، އެއީ އެ މަޝްރޫއުގެ %18.75 ކަމަށެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މި ހިނގާ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހުގައެވެ.



