ރަމަޟާން މަހުގެ ކަރަންޓް ޑިސްކައުންޓް ބިލުތައް ފޮނުވުމުގެ މަސައްކަތް ފަށައިފި އެވެ.
މިކަން ހާމަކުރައްވައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހްމީ އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ނިމިދިޔަ ރަމަޟާންމަހު ބޭނުންކޮށްފައިވާ ކަރަންޓާއި ފެނުގެ ބިލްތައް އާންމު މަސްމަހުގެ ބިލްތަކަށްވުރެ ބޮޑު ނުވާނޭހެން ޑިސްކައުންޓު ދިނުމަށް ނިންމައި، އެކަން އެގޮތަށް ތަންފީޒު ކުރައްވާފައިވާކަމަށެވެ.
އެގޮތުން ރަމަޟާން މަހުގެ ދުވަސްތައް ހިމެނޭހެން އެޕްރީލް މަހު ފޮނުވާފައިވާ ބިލްތަކުގައި ޑިސްކައުންޓް ހިމަނާފައިވާއިރު، ރަމަޟާން މަހުގެ ބާކީ ދުވަސްތައް ހިމެނޭހެން އެންމެ ފަހުން ތައްޔާރުކޮށްފައިވާ ބިލްތަކުގައިވެސް ޑިސްކައުންޓު ހިމެނުމަށްފަހު، މި ރޭގެ ނިޔަލަށް އެ ބިލްތައް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވެފައި ވެއެވެ.
މީގެ އިތުރުން، ޑިސްކައުންޓު ހިމެނުމުގެ ކުރިން ދައްކާފައިވާ ބިލްތަކުން، ޑިސްކައުންޓު ހިމެނުމުން ފަރަޤުވާ އަދަދު ޖެހިގެން އަންނަ މަހުގެ ބިލްތަކުން އުނިކޮށްދޭން ނިންމާފައިވާކަމަށްވެސް ފަހުމީ ވިދާޅުވެފައި ވެއެވެ.
ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއި އެއްގޮތަށް ރައްޔިތުން އެދޭފަދަ ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމުގައްޔާއި، ރައްޔިތުންނަށް ލުއި ފަސޭހަކަން ގެނެސްދެވޭނެ ކޮންމެ ކަމެއް ކުރުމުގައި ސްޓެލްކޯ އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަޤީންކަންވެސް ފަހުމީ ވަނީ ދެއްވާފަ އެވެ.



