ހަކަތަ ބަދަލުކުރުމާ ގުޅޭ ބައިނަލްއަޤުވާމީ ސެޝަނެއްގައި އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤް އިބްރާހިމް ބައިވެރިވެވަޑައިގެންފިއެވެ.
އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ އެ ސެޝަނުގައި މިނިސްޓަރު ޠާރިޤް ދެއްކެވި ވާހަކަފުޅުގައި، އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކާއި އެ ސަރަޙައްދެއްގެ މާޙައުލާ ހުރި ގުޅުންތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފައިގެން، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުން ހަލުވިކުރުމާ ގުޅޭގޮތުން އަލިއަޅުއްވާލެއްވި ކަމަށެވެ.
އެގޮތުން ޚާއްޞަކޮށް، ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް ހަކަތަ އުފެއްދުމުގެ ނިޒާމުތައް ބަދަލުކުރުމުގައި ހުރި މަގުތަކާ ބެހޭގޮތުން މިނިސްޓަރު މަޝްވަރާކުރެއްވި ކަމަށް މިނިސްޓްރީން ހާމަކުރެއެވެ.
ހަމައެހެންމެ ސަރަޙައްދީ ފެންވަރުގައި ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މިނިސްޓަރު މަޝްވަރާކުރެއްވި ކަމަށްވެސް މިނިސްޓްރީން ހާމަކުރެއެވެ.
މީގެ އިތުރުން، ތިމާވެށި ރައްކާތެރިކުރުމަށާއި ހަކަތައިގެ ދާއިރާއިން ރާއްޖެއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށްޓަކައި ބައިނަލްއަޤުވާމީ ބައިވެރިންނާއެކު ވަރުގަދަ ގުޅުމެއް ބޭއްވުމުގެ މުހިންމުކަން މިނިސްޓަރު ފާހަގަކުރެއްވި ކަމަށްވެސް މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.


