ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި އަހުމަދު ޝަމާހު ރަޝީދު އިއްޔެ މަގާމުން ވަކި ކުރުމާ ގުޅިގެން، އެ ކުންފުނި ހިންގުމުގެ މަސައްކަތް ވަގުތީ ގޮތުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރާ ހަވާލު ކޮށްފިއެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު 7 ގައި ސްޓެލްކޯގެ އެމްޑީ ކަމުގެ މަގާމަށް އައްޔަން ކުރި ޝަމާހު ކުއްލި ގޮތަކަށް އިއްޔެ އެމަގާމުން ވަކިކޮށްފައިވާއިރު، އޭނާ ވަކި ކުރި ސީދާ ސަބަބެއް އެއްވެސް ރަސްމީ އިދާރާއަކުން އަދިއެެއް ހާމައެއް ނުކުރެއެވެ. ނަމަވެސް ޝަމާހް އެމަގާމުން ވަކި ކުރިއިރު، އޭނާ ދެއްކި ވާހަކަތަކެއް ކަމަށް ބުނާ އޯޑިއޯއެއް މިހާރު ސޯޝަލް މީޑިއާގައި ވަނީ ހަލުވި ކަމާއެކު ދައުރުވެފައެވެ.
އެ އޯޑިއޯގައި ޝަމާހު ކަމަށް ބުނާ މީހާ ބުނެފައި ވަނީ، އޭނާ ސްޓެލްކޯގައި ހިންގާ ކުޅިވަރު އެނގޭނީ އަޒްހަދާއި ސާއިދަށް ކަމަށެވެ.
އެ އޯޑިއޯގައި އަޒްހަދު ކަމަށް ބުނާ ފަރާތަކީ ސްޓެލްކޯގެ ޕްރޮކިއުމަންޓު ހެޑްގެ މަގާމު ފުރުއްވި ޖެނެރަލް މެނޭޖަރު އަޒްހަދު ރަމީޒެވެ. ޝަމާހް މަގާމުން ވަކި ކުރި އިރު އަޒްހަދު ވަނީ ސަސްޕެންޑް ކޮށްފައެވެ.
ޝަމާހް ސްޓެލްކޯގެ އެމްޑީ ކަމުގެ މަގާމުން ވަކި ކުރުމުން އެ ކުންފުނި ހިންގުމުގެ މަސައްކަތް ވަނީ ވަގުތީ ގޮތުން އަޒްވަރާ ހަވާލުކޮށްފައެވެ. ޑީއެމްޑީގެ މަގާމުގައި ހުރި އަޒްވަރު ސްޓެލްކޯއާ ގުޅިވަޑައިގަތީ 1997 ވަނަ އަހަރުގައެވެ. އޭނާ ވަނީ ސްޓެލްކޯގެ ޗީފް އޮޕަރޭޓިން އޮފިސަރުކަމާއި ކަސްޓަމާ ސާވިސަސް އާއި ބިޒްނަސް ޑިވެލޮޕްމަންޓުގެ އިސްވެރިޔާގެ މަގާމު ވެސް މީގެ ކުރިން ފުރުއްވާފައެވެ.



