ރަމަޟާން މަހަށް ތައްޔާރުވުމަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ހެދުމުގެ މަސައްކަތް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފިއެވެ.
ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެމުން އެޗްޑީސީން ބުނީ ވަގުތީ މާރުކޭޓު ހަދަނީ ދެވަނަ ފިޔަވަހީގައި ވިނަރެސް 8 ވަނަ ފްލެޓާއި ވަގުތީ މިސްކިތާ ދެމެދު އޮންނަ ހުސް ސަރަޙައްދުގައި ކަމަށެވެ.
މިއީ ހުޅުމާލެ ދެވަނަ ފިޔަވަހިން، ފަސޭހަ ކަމާއިއެކު މޭވާއާއި ތަރުކާރީގެ ބާވަތްތައް ގަނެވޭނެ މަގު ފަހިކޮށްދިނުމަށް ކުރިއަށް ގެންދާ މަސައްކަތެކެވެ.
ހުޅުމާލޭގައި ތަރައްޤީ ކުރާ ވަގުތީ މާރުކޭޓުގައި 24 ގޮޅި ހެދުމަށް ވަނީ ހަމަޖެހިފައެވެ. މިހާރު ކުރިއަށް ގެންދަނީ، މާރުކޭޓުގެ ވަގުތީ އިމާރާތުގެ މަސައްކަތްތަކެވެ.
އެޗްޑީސީން ބުނީ، ގޮޅިތައް ހެދުމުގެ ޢަމަލީ މަސައްކަތްތައް ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ނިންމާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ހުޅުމާލެ ދެވަނަ ފިޔަވައްސަކީ، މިހާރު މާލެ ސަރަޙައްދުގައި އެންމެ ބާރަށް އާބާދު ވަމުންދާ ސަރަޙައްދެވެ. މިހާރު ދޫކުރަމުންދާ ފްލެޓުތަކާއެކު، ހުޅުމާލެ ދެވަނަ ފިޔަވަހީގެ އާބާދީ ލައްކައަކާއި ގާތްކުރާނެ ކަމަށް ބެލެވެއެވެ.



