ވަޒީފާގެ މާހައުލުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ތަފާތެއް ނުކުރާނެ ކަމަށާއި ވަޒީފާގައި ހަމަ ކޮންމެ ރައްޔިތަކަށް ލިބޭ މުސާރަ އެ ކުދިންނަށް ވެސް ލިބޭނެ ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އައިޝަތު މިހެން ވިދާޅުވީ، ރައީސް އޮފީހުން ގެނެސްދޭ ”ތަރުޖަމާނާއެކު“ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރ ވިދާޅުވީ ސޯޝަލް ޕްރޮޓެކްޝަން ސިސްޓަމްގެ ތެރެއިން ޤާނޫނުން ލާޒިމު ކުރާ ބައެއް އެލަވަންސް ހުރި ކަމަށެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ އެލަވަންސަކީ ޤާނޫނުން ލާޒިމް ކުރާ އެލަވަންސެއް ކަމަށާއި އެހެން އެލަވަންސެއް ލިބުނަސް އެއީ އެފަރާތްތަކަށް ލިބުން ލާޒިމު އެލަވަންސެއް ކަމަށެވެ.
”ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވެސް ލިބޭ މުސާރައަކީ ހަމަ އެހެން މީހުންނާ އެއް ހަމަ މުސާރައެއް، ވަކި އެކުދިން ވެގެންނެއް މުސާރަ ތަފާތު ވެގެނެއް ނުދޭ“ މިނިސްޓަރު އައިޝަތު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ލިބޭ ހިސާބުން، އެކުދިން ވަޒީފާއަށް ދާ ތަންތަނުން އެކުދިންނަށް އެހީވުމާ ހެޔޮކޮށް ހިތުމަކީ ވަރަށް އުފާ ކުރައްވާ ކަމެއް ކަމަށެވެ.



