އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ފޮނުއްވާފައިވާ ޚާއްސަ މަންދޫބާއެކު މިހާރު ވާހަކަ ދައްކަން ފަށާފައިވާ ކަމަށް އީރާންގެ ފޮރިން މިނިސްޓްރީން މިއަދު ބުނެފިއެވެ.
އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާއިލް ބަގެއީ ވިދާޅުވިކަމަށް ބުނެ ބައެއް ނޫސްތަކުގައި ބުނެފައިވަނީ، އެމެރިކާގެ ރައީސްގެ މަންދޫބެއް ކަމަށްވާ ސްޓީވް ވިޓްކޮފްއާ އީރާންގެ ފޮރިން މިނިސްޓަރ އައްބާސް އަރަގްޗީ މުއާސަލާތުގެ ޗެނަލެއް ފައްޓަވައިފި ކަމަށެވެ.
އެގޮތުން ބޭނުންވެއްޖެ ކޮންމެ ވަގުތެއްގައިވެސް މުއާސަލާތް ކުރެވޭނެ ކަމަށް ތަރުޖަމާނު ވިދާޅުވެފައިވެއެވެ.
އީރާނާއި އެމެރިކާއާ ދެމެދު ސިޔާސީ ގުޅުމެއް ނެތުމުން، ޑިޕްލޮމެޓިކް ހުރިހާ ކަމެއްގައި އެ ދެ ޤައުމުގެވެސް މެދުވެރިއެއްގެ ގޮތުގައި މަސައްކަތްކުރަނީ ސްވިސް އެމްބަސީއެވެ.
އީރާން ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ މީހުންނަށް އެހީވެ އަސްކަރީ ބާރުގެ ބޭނުންކުރާނެ ކަމުގެ އިންޒާރު ދިނުމާ އެކު އީރާންގެ ލީޑަރުން ގުޅުއްވައި މަޝްވަރާއަށް ތައްޔާރަށް ތިބިކަން އަންގަވާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަނީ ވިދާޅުވެފައެވެ.
ޓްރަމްޕް ވިދާޅުވީ އީރާންގެ ލީޑަރުން ވަނީ އިއްޔެ ގުޅުއްވާފައި ކަމަށެވެ.




