ގަލޮޅު ސިޓީ ޕާކް ފެށޭ ހަފްތާގެ އަންގާރަ ދުވަހު އާއްމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލާނެ ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
މިއީ މާލެ ސިޓީ ކައުންސިލްގެ ބަޖެޓުން 2.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީ ކުރާ ޕާކެކެވެ.
ގަލޮޅު ސިޓީ ޕާކު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ބާރުސްޕީޑުގައި ކުރިއަށްގެންގޮސްފައިވަނީ މިދިޔަ އޭޕްރީލް މަހު ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެ މަސައްކަތް ހަވާލުކުރި ހިސާބުންނެވެ.
މޭޔަރު އާޒިމް ވިދާޅުވީ ގަލޮޅު ސިޓީ ޕާކަކީ ގަލޮޅުގެ ރައްޔިތުންނަށް ހިތްފަސޭހަ މާޙައުލެއް ފޯރުކޮށްދިނުމަށްޓަކައި މުހިންމު ތަނެއް ކަމަށެވެ.
އެ ޕާކުގެ މަސައްކަތް ކުރިއަށް ދަނީ ގަލޮޅު ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާއެކު ކަމަށް ވެސް މޭޔަރު ޢާޒިމް ވަނީ ވިދާޅުވެފައެވެ.
މިގޮތުން، ރައްޔިތުންގެ ބައިވެރިވުމާއެކު މި ޕާކް ތަރައްޤީ ކުރުމުގެ ސަބަބުން، އެއީ އެ ސަރަހައްދުގެ ރައްޔިތުންގެ ބޭނުންތަކަށް ފެތޭނެ ތަނެއްކަން ކަށަވަރުވާނެ ކަމަށްވެސް މޭޔަރު ޢާޒިމް މީގެ ކުރިން ވިދާޅުވިއެވެ.
މި ޕާކުގެ މަސައްކަތް ނިމޭއިރު، ޕާކުގައި ކަސްރަތު ކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ބެންޑްމިންޓަން ކޯޓަކާއި ތްރީ އޮން ތްރީ ބާސްކެޓް ކޯޓަކާއި ކުޑަކުދިން ކުޅޭނެ ހުސް ސަރަހައްދަކާއި އަދި އައުޓްޑޯ ޖިމެއް ވެސް ހުންނާނެއެވެ.
މި ޕާކުގައި އިވެންޓްތައް ބޭއްވުމަށް ޚާއްސަ ކުރެވިފައިވާ ސަރަހައްދަކާއި އުމުރުން ދުވަސްވީ މީހުން ހިތްހަމަ ޖައްސާލުމަށް މަޑުކޮށްލައިގެން ތިބުމަށް ތައްޔާރުކޮށްފައިވާ ސަރަހައްދެއް ވެސް ވަނީ ތަރައްޤީކޮށްފައެވެ.



