ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އާއެކު ތިމާވެއްޓާއި ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރަން ރާއްޖެއިން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ބާއްވާފައި ވަނީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤް އިބްރާހީމް، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫ.އޭ.އީ) ގެ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަންމަންޓް ހަރ އެކްސެލެންސީ ޑރ. އާމިނާ އަލް ދަހާކްއާއެކު ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ އިންޓަރނޭޝަނަލް ރިނިއުވަބަލް އެނަރޖީ އޭޖެންސީ (އައިރީނާ) ގެ 16 ވަނަ އެސެމްބްލީގެ ހަވާސާގައެވެ.
މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ތިމާވެއްޓާއި ހަކަތައިގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
ޚާއްޞަކޮށް ސާފު ހަކަތަ އުފެއްދުން އަވަސްކުރުމަށާއި، މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކަށް ކެތްތެރިވުމުގެ ޤާބިލުކަން އިތުރުކުރުމާ ގުޅޭގޮތުން ދެ މިނިސްޓަރުން ޚިޔާލު ބަދަލުކުރެއްވިއެވެ.
މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން ހަރުދަނާކޮށް، ތިމާވެށީގެ މައްސަލަތަކުގައި ބައިނަލްއަޤްވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށާއި، އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ދަށުން، މިފަދަ ބައިނަލްއަޤްވާމީ ބައްދަލުވުންތަކުގައި ރާއްޖެއިން އަންނަނީ ވަރަށް އިސް ދައުރެއް އަދާކުރަމުންނެވެ.




