މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި އަލިމަގު އޮޕަރޭޝަނުގެ ދަށުން ގއ. އަތޮޅުން ހައްޔަރު ކުރި ސަރުކާރުގެ ޕޮލިޓިކް ޑިރެކްޓަރެއްގެ މަޤާމުގައި ހުރި އަޙްމަދު އަނާމް އިބްރާހީމް މަޤާމުން ވަކިކޮށްފިއެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށްގެންދާ ”އޮޕަރޭޝަން އަލިމަގު“ ގެ ދަށުން، ގއ.އަތޮޅުގެ 10 ތަނެއް އިއްޔެ ވަނީ ބަލާ ފާސްކޮށް 4 މީހަކު ހައްޔަރުކޮށްފައެވެ.
އަދި އެ މައްސަލައިގައި ފުލުހުން ހައްޔަރުކުރި 4 މީހުންގެ ވަނަވަރު ރޭ ވަނީ އާންމުކޮށްފައެވެ.
އެ އޮޕަރޭޝަަނުގައި ހައްޔަރުކޮށްފައިވަނީ ޝެވޯނާ / ގއ.ވިލިނގިލި، ޝައްފާޙް ލަޠީފް (28އ) އާއި މިޔުޒިކީއާގެ / ގއ.ވިލިނގިލި، އަޙްމަދު މަދީޙު (33އ) އާއި އައިޒަން / ގއ.ވިލިނގިލި، އަޙްމަދު އަނާމް އިބްރާހީމް (30އ) އަދި އަރާއިރުގެ / ގއ.ވިލިނގިލި، ނޫރުއްނިޡާމް (35އ) އެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝައްފާޙް ލަޠީފާއި އަޙްމަދު މަދީޙާއި އަޙްމަދު އަނާމް އިބްރާހީމް ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް އަދި ނޫރުއްނިޡާމް 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މީގެ އިތުރުން އެ މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
އެ މީހުންގެ ތެރެއިން އަހުމަދު އަނާމް އިބްރާހިމަކީ އިކޮނޮމިކް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެކެވެ.
އެގޮތުން ރައީސް އޮފީހުން ވަނީ އޭނާ މިއަދު އެ މަގާމުން ވަކިކޮށްފައިވާކަން ހާމަކޮށްފައެވެ.




