އީރާނާ އެކު ވިޔަފާރިކުރާ ހުރިހާ ގައުމެއްގެ މުދަލުން 25 ޕަސެންޓުގެ ޓެރިފް ނަގަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމައިފިއެވެ.
ޓްރަމްޕް މިކަން އިއުލާނު ކުރެއްވީ ސޯޝަލް މީޑިއާގައި ރޭގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.
”އިސްލާމިކް ރިޕަބްލިކް އޮފް އީރާނާ އެކު ވިޔަފާރިކުރާ ކޮންމެ ގައުމަކުން އެމެރިކާއާ އެކު ހިންގާ ވިޔަފާރީގެ މުއާމަލާތްތަކުން މި ވަގުތުން ފެށިގެން 25 ޕަސެންޓުގެ ޓެރިފް ނަގާނެ. މިއީ ފަހުގެ އަދި ބަދަލު ނުވާނެ ނިންމުމެއް،“ ޓްރަމްޕް ވިދާޅުވެފައިވެއެވެ.
އީރާނާ އެކު މައިގަނޑު ގޮތެއްގައި ވިޔަފާރިކުރާ ގައުމުތަކަކީ ޗައިނާ، ތުރުކީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި އިރާގު ކަމަށް ޓްރޭޑިން އިކޮނިމިކްސްގެ ޑޭޓާބޭސް އިން ދައްކައެވެ.
ޓެރިފް ނަގާނެކަން ޓްރަމްޕު އިއުލާނުކުރައްވާފައި މި ވަނީ އީރާން ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ މީހުން ހުއްޓުވަން ކުރާ މަސައްކަތުގައި މީހުން މަރަމުންދާ ކަމަށް ބުނެ އީރާނަށް ހަމަލާ ދިނުމުގެ އިންޒާރު ވެސް އެމެރިކާގެ ރައީސް ދެއްވުމަށް ފަހުގައެވެ.
އީރާންގެ ޖަމާއަތްތަކުން ބުނާ ގޮތުގައި މުޒާހަރާކުރާ މީހުންގެ ތެރެއިން އެތައް ސަތޭކަ ބަޔަކު ވަނީ މަރާލައިފައެވެ.




