”ޚާއްސަ ސިއްހީ ބޭނުންތަކަށް ދެވޭ ޗުއްޓީ“ގެ ދަށުން ޗުއްޓީއަށް އެދުމުގެ ފުރުސަތު އޮންނާނީ ހަމައެކަނި ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް ކަމަށް ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފިއެވެ.
ސީއެސްސީން ބުނީ ޤަވާއިދަށް ގެނައި އިތުރު ލުޔެއްގެ ދަށުން މުވައްޒަފުންގެ އާއިލާގެ ފަރާތަކުން އެފަދަ ބައްޔެއް ތަޙައްމަލު ކުރަމުން ދިޔަ ނަމަވެސް ”ޚާއްސަ ސިއްހީ ބޭނުންތަކަށް ދެވޭ ޗުއްޓީ“ގެ ދަށުން ޗުއްޓީ ހަމަޖައްސައި ދެވޭނެ ކަމަށެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ސީއެސްސީގެ ލީގަލް އެފެއާރޒު ޑިވިޝަންގެ ކައުންސިލް ޖެނެރަލް އަލްއުސްތާޛު އިބްރާހީމް ރަޝީދު ވިދާޅުވީ، ޚާއްސަ ޙާލަތްތަކުގައި ޗުއްޓީއަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލުމުން، ބައެއް މުވައްޒަފުންނަށް އޮޅުންތަކެއް އަރާފައިވާ ކަމަށެވެ. އަދި މިވީ މުއްދަތުގައި ބައެއް މުވައްޒަފުން މިނިޒާމުގެ ތެރެއިން ޗުއްޓީއަށް އެދެމުންދާކަން ފާހަގަވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
”ޚާއްސަ ސިއްޙީ ބޭނުންތަކަށްދެވޭ ޗުއްޓީގެ ދަށުން ޗުއްޓީއަށް އެދެވޭނީ މިސާލަކަށް ކެންސަރުފަދަ ބަލިތައް ތަޙައްމަލު ކުރަމުންދާ ފަރާތްތަކަށް. އެހެން ފަރާތްތަކުން މިއުސޫލުން ޗުއްޓީއަށް ހުށައެޅުމުން ޚިދުމަތް އެފަރާތްތަކަށް ދިނުމުގައި ވަގުތުތަކެއް ނަގާނެ. އެހެންކަމުން އެކަމަށް ހުރިހާ ފަރާތަކުންވެސް ސަމާލުވާންޖެހޭ.“ އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.
ސިވިލް ސަރވިސް ކޮމިޝަނުން ބުނީ ޚާއްސަ ސިއްހީ ބޭނުންތަކަށްދެވޭ ޗުއްޓީއަށް އެދި ޗުއްޓީ ބޭނުންވާ ދުވަހުގެ 15 ދުވަސް ކުރިން އެދެންވާނެ ކަމަށެވެ. އަދި މިވޭތުވެދިޔަ ދުވަސްތަކުގައި އެމުއްދަތަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި ހުށައެޅުމުންވެސް ވީހާވެސް އަވަހަކަށް އެފަދަ ޙާލަތްތަކުގައި ތިބި މުވައްޒަފުންނަށް ޗުއްޓީ ހަމަޖައްސައި ދިނުމުގެ މަސައްކަތް ކޮމިޝަނުން ކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.



