މިދިޔަ މަހު 12،424 އުޅަނދެއް ބަލައި ފާސްކޮށް، ނުރައްކާތެރިކޮށް ދުއްވި 1554 އުޅަނދެއްގެ ވެރިފަރާތަށް ފިޔަވަޅު އަޅާފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން މިއަދު ވަނީ، ނުރައްކާތެރިކޮށް ދުއްވާ ފަރާތްތައް ހުއްޓުވައި ފިޔަވަޅު އެޅުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މިދިޔަ މަހު ކުރި މަސައްކަތްތަކުގެ ތަފާސްހިސާބުތައް ހިއްސާކޮށްފައެވެ.
ފުލުހުން ބުނީ މިދިޔަ ޑިސެމްބަރު މަހު 27،186 އުޅަނދެއް ބަލައި ހުއްޓުވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ، ދެ ފުރޮޅުލީ 12،752 އުޅަނދާއި ހަތަރު ފުރޮޅުލީ 14،404 އުޅަނދެއެވެ. ފުލުހުން ވިދާޅުވީ، މިދިޔަ މަހު ދެ ފުރޮޅުލީ 5،765 އުޅަނދު އަދި ހަތަރު ފުރޮޅުލީ 6،659 އުޅަނދު ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި ޖުމްލަ 12،424 އުޅަނދު ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު 10،870 އުޅަނދަށް ނަސޭހަތްތެރިވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ދެ ފުރޮޅުލީ 5،037 އުޅަނދާއި، ހަތަރު ފުރޮޅުލީ 5،833 އުޅަނދެވެ. އަދި ނުރައްކާތެރިކޮށް ދުއްވައިގެން 1،554 އުޅަނދަކަށް ފުލުހުން ވަނީ ފިޔަވަޅު އަޅާފައެވެ. މީގެ ތެރޭގައި ހިމެނެނީ، ދެ ފުރޮޅުލީ 728 އުޅަނދަކާއި، ހަތަރު ފުރޮޅުލީ 826 އުޅަނދު ކަމަށް ފުލުހުން ބުންޏެވެ. އަދި ނުރައްކާތެރިކޮށް ދުއްވައިގެން ދެ ފުރޮޅުލީ 27 އުޅަނދެއް ހުއްޓުވާފައިވާ ކަމަށް ވެސް ބުންޏެވެ.



