މިއަހަރުގެ މިހާތަނަށް 85،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ މިހާތަނަށް ރާއްޖެއަށް 85،591 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކޮށްފައިވަނީ، 77،727 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ 10.01 އިންސަތައިގެ ކުރިއެރުމެކެވެ.
މިއަހަރުގެ މިހާތަނަށް އެއްދުވަހެއްގެ ތެރޭގައި އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ، މިމަހުގެ 11 ވަނަ ދުވަހުއެވެ. އެ ދުވަހު 9،596 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
މިމަހުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރި 5 ޤައުމު:
° ރަޝިއާ – 15،430 ފަތުރުވެރިން
° އިޓަލީ – 10،833 ފަތުރުވެރިން
° އިގިރޭސިވިލާތް – 6،729 ފަތުރުވެރިން
° ޖަރުމަނު – 5،098 ފަތުރުވެރިން
° ޗައިނާ – 4،070 ފަތުރުވެރިން
ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 7،000 އެއްހާ ފަތުރުވެރިން ޒިޔާރަތް ކުރެއެވެ. ރާއްޖެ ޒިޔާރަތް ކުރި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނައިން ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އެއީ، 59،250 ފަތުރުވެރިންނެވެ. މިއީ، ރާއްޖެ އައި ފަތުރުވެރިންގެ 69.2 އިންސައްތައެވެ.
ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ، ގެސްޓްހައުސްތަކުގައެވެ. އެއީ، 21،761 ފަތުރުވެރިންނެވެ. މިއީ، މި މުއްދަތުގެ ތެރޭގައި ރާއްޖެ އައި ފަތުރުވެރިންގެ 25.4 އިންސަތައެވެ.


