ދުންފަތް ކޮންޓްރޯލު ކުރުމާބެހޭ ޤާނޫނުން ލާޒިމް ކުރާ ވެންޑަރ ލައިސަންސް 400 އަށްވުރެ ގިނަ ވިޔަފާރިތަކަށް ދޫކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ދުންފަތުގެ އެކި ބާވަތްތައް ވިއްކުމަށް ލައިސަންސް ނަގަންޖެހޭ ގޮތަށް ޤާނޫނަށް ބަދަލު ގެނެސް އަމަލުކުރަން ފަށާފައިވަނީ މިދިޔަ އަހަރު އެވެ.
އެޗްޕިއޭއިން ބުނީ ދުންފަތް ކޮންޓްރޯލު ކުރުމާބެހޭ ޤާނޫނުން ލާޒިމް ކުރާ ވެންޑަރ ލައިސަންސް މިހާތަނަށް 437 ވިޔަފާރިއަށް ދޫކޮށްފައިވާއިރު ޓޮބޭކޯ އިމްޕޯޓް ލައިންސަންސް 31 ފަރާތަކަށް މިހާރު ދޫކޮށްފައިވާ ކަމަށެވެ.
އަދި ޓޮބޭކޯ ރީ އެކްސްޕޯޓް ލައިސަންސް 2 ފަރާތަކަށް ދޫކޮށްފައިވާ ކަަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.
ދިވެހިން ދުންފަތާ ދުރުކޮށް ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ސަރުކާރުން އަންނަނީ، ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ.
އެގޮތުން ރާއްޖޭގައި ތަންފީޒުކުރަން ފެށި ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯގެ ދަށުން، 2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތް ބޭނުންކުރުން ވަނީ މަނާކޮށްފައެވެ.
މީގެ އިތުރުން، އެ ޢުމުރުގެ އެއްވެސް މީހަކަށާއި އަދި ޢުމުރުން 21 އަހަރު ނުފުރޭ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުމަކީވެސް މަނާކަމެކެވެ.



