ކުށްމަދު އަމާން މުޖުތަމައެއް ރަށްރަށުގައި ގާއިމުކޮށް ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި ރައްޔިތުން ޒިންމާދާރުކުރުވުމަށް ބ. ކެންދޫގައި ފުލުހުންގެ ޚިދުމަތުން ވޯކް އެންޑް ޓޯކް ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
އެ ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ މި މަހު 11 ވަނަ ދުވަހުއެވެ.
ފުލުހުން ބުނީ ކެންދޫ ޕޮލިހުން ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި އެ ރަށުގެ އެކި ސަރަހައްދުތަކުންނާއި ގޭބިސީތަކަށް ޒިޔާރަތްކޮށް ކުށްތަކުން ރައްކާތެރިވެ ތިބުމަށް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.
އަދި ފުލުހުންނާއި ރައްޔިތުން ގުޅިގެން ކުށްމަދުކޮށް މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި އަމިއްލަ މީހާގެ ރައްކާތެރިކަމަށް ކުރެވޭނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
އޭގެ އިތުރުން، މަކަރާއި ހީލަތުން ފައިސާއާއި މުދާ ހޯދާ މައްސަލަތަކުން ސަލާމަތްވެތިބުމަށާއި ނުދަންނަ ނަންބަރުތަކުން އަންނަ ކޯލުތަކަށް ޖަވާބުނުދިނުމަށާއި އޮންލައިންކޮށް ވިޔަފާރިކުރާއިރު ސަމާލުކަންދިނުމަށްވެސް ފުލުހުން ނަސޭހަތްތެރިވެފައިވެއެވެ.
އަދި އެއްގަމު އުޅަނދު ދުއްވާއިރު ސަމާލުކަންދިނުމަށާއި ގާނޫނައި ގަވާއިދުތަކާ އެއްގޮތަށް އުޅަނދު ދުއްވުމަށްވެސް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.



