މިދިޔަ އެޕްރީލް މަހުގެ ފެންބިލުން ޑިސްކައުންޓް ދިނުމަށް މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖު ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބުނެފި އެވެ.
އެ ކުންފުނިން މިއަދު އާންމު ކުރި ނޫސްބަޔާނެއްގައި ބުނެފައ ވަނީ މި އަހަރު ރަމަޟާން މަހުގެ، ގޭބިސީތަކުގެ ފެންބިލާއި ކަރަންޓުބިލުން ޑިސްކައުންޓް ދިނުމަށް ސަރުކާރުން ނިންމުމާއި ގުޅިގެން، ރަމަޟާން މަހުގެ ތެރޭގައި 11 މާޗް އިން ފެށިގެން 11 އެޕްރީލްގެ ނިޔަލަށް ފޮނުވާފައިވާ ބިލްތަކަށް ޑޮމެސްޓިކް ކަސްޓަމަރުންނަށް ޑިސްކައުންޓް ދީފައިވާކަމަށެވެ.
އެމްޑަބްލިއުއެސްސީން ބުނީ، އެ ބިލްތަކުގައި ހިމެނިފައިވަނީ ރަމަޟާންމަހު ބޭނުންކުރި ފެނާއި ކަރަންޓުގެ ބައެއް ކަމަށެވެ. އެހެންކަމުން، ރަމަޟާން މަހުގެ ތެރޭގައި ބޭނުންކުރެވުނު ފެނާއި ކަރަންޓުގެ އަގަށްވެސް ކަނޑައެޅިފައިވާ އުސޫލުގެ މަތިން ޑިސްކައުންޓު ދިނުމަށް ނިންމަވާފައިވުމާއެކު، އޭޕްރީލް މަހުގެ ބިލްތަކަށްވެސް ކަސްޓަމަރުންނަށް ޑިސްކައުންޓު ދޭނެ ކަމަށް އެމްޑަބްލިޔުއެސްސީން ބުނެފައި ވެއެވެ.
އެމްޑަބްލިއުއެސްސީން ބުނީ، އޭޕްރީލް މަހުގެ ބިލު، ޑިސްކައުންޓު ހިމަނައިގެން ފޮނުވާފައިވާ މާރޗް މަހުގެ ބިލަށްވުރެ ބޮޑުވާނަމަ، ބޮޑުވާ މިންވަރު ޑިސްކައުންޓްގެ ގޮތުގައި އޭޕްރީލް މަހުގެ ބިލުން އުނިކޮށްދެވޭނެ ކަމަށެވެ. އަދި، އެ އުނިކޮށްދެވޭ މިންވަރަކީ އޭޕްރީލް މަހުގެ ބިލްގެ %10 އަށްވުރެ ކުޑަމިންވަރެއް ކަމުގައިވާނަމަ، %10 އާއި އެއްވަރަށް ޑިސްކައުންޓްގެ މިންވަރު މަތިކޮށްދެވޭނެކަމަށް ބުނެފައި ވެއެވެ. އަދި އޭޕްރީލް މަހުގެ ބިލް މާޗް މަހުގެ ބިލަށް ވުރެ ކުޑަ ވިޔަސް ޑިސްކައުންޓްގެ ގޮތުގައި އޭޕްރީލް މަހުގެ ބިލުން %10 ޑިސްކައުންޓް ދޭނެ އެވެ.
އަލަށް ފެން އަދި ކަރަންޓް ލާފައިވާ ގޭބިސީތަކަށް ފޮނުވާ ފުރަތަމަ ބިލަކީ އޭޕްރީލް މަހުގެ ބިލުނަމަ، އެބިލުން %10 ޑިސްކައުންޓް ދޭންވެސް ނިންމާފައި ވެއެވެ.
އެމްޑަބްލިއު އެސްސީން ބުނީ، އެޕްރީލްމަހުގެ ބިލުގެ ޑިސްކައުންޓާއި ގުޅޭ މައުލޫމާތު މިއަދުން ފެށިގެން އެސްއެމްއެސް މެދުވެރިކޮށް ކަސްޓަމަރުންނާ ހިއްސާކުރަމުންދާނެކަމަށެވެ. އަދި މި ދިން ލުޔާއެކު އަވަހަށް ބިލު ދެއްކުމަށްވެސް އެކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ޑިސްކައުންޓު ހިމެނުމުގެ ކުރިން ބިލް ދައްކަވާފައިވާ ފަރާތްތަކަށް ޖެހިގެން އަންނަ މަހު ތައްޔާރު ކުރެވޭ ބިލުން ޑިސްކައުންޓަށްވާ އަދަދު އުނިކުރާގޮތަށްވެސް ވަނީ ނިންމާފަ އެވެ.




