ބޮލީވުޑްގެ ޚަބަރުތަކަށް ބަލާއިރު، މި ދުވަސްކޮޅު އެންމެންގެ ދުލުކުރީގައި ވެސް ވަނީ މަޝްހޫރު އެކްޓަރުން ކަމަށްވާ އިމްރާން ހާޝްމީ އާއި ޔާމީ ގޯތަމް ކުޅެފައިވާ ފިލްމު ”ހައްގު“ ގެ ވާހަކައެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހު ރިލީޒްކުރި އެ ފިލްމަށް ބޮކްސް އޮފީހުގައި މާ ބޮޑު ކާމިޔާބީއެއް ނުލިބުން ކަމުގައިވިޔަސް، ނެޓްފްލިކްސްގައި މި ފިލްމު މިއަހަރު ރިލީޒް ކުރުމުން އެތައް ބައެއްގެ ތަރުހީބު މި ފިލްމަށް ވަނީ ލިބިފައެވެ. އޭގެ ތެރޭގައި މަޝްހޫރު އެކްޓަރުންނާއި ބޮލީވުޑްގައި ފުންނާބު އުސް އެތައް ފަރާތެއް ހިމެނެއެވެ.
”ހައްގު“ އަށް އެތައް ބައެއްގެ ތަރުހީބު ލިބިފައިވާއިރު، މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެއްކަން އެނގެނީ މަފު ބަޔަކަށެވެ. ސުޕަރްން އެސް.ވަރްމާ ޑައިރެކްޓު ކޮށްފައިވާ މި ފިލްމަކީ، އިންޑިއާގައި މީގެ އެތައް އަހަރެއް ކުރިން މަޝްހޫރުވި ”ޝާހް ބާނޯ ކޭސް“ ގެ މައްޗަށް ބިނާ ކޮށްފައިވާ ފިލްމެކެވެ.
މުސްލިމު އަންހެނެއް ކަމަށްވާ ޝާހް ބާނޯ، އޭނާގެ ފިރިމީހާ މުހައްމަދު އަހްމަދު ޚާންއާ ދެކޮޅަށް ސުޕްރީމް ކޯޓުގައި މައްސަލަ ޖައްސައި، އެ މައްސަލައިގެ ޝަރީއަތް 10 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ކުރިއަށްދިޔަ ކަމަށް ރިޕޯޓުތަކުން ބުނެއެވެ. އެހެންކަމުން އެ ޝަރީއަތް މަޝްހޫރު ވެފައިވަނީ ”ޝާހް ބާނޯ ކޭސް“ ގެ ނަމުންނެވެ.
ޝާހް ބާނޯ އާއި އޭނަގެ ފިރިމީހާ ކައިވެނި ކުރީ 1932 ވަނަ އަހަރުގައެވެ. އެ ދެ މީހުންނަށް 3 ފިރިހެން ދަރިންނާއި 2 އަންހެން ދަރިން ލިބިފައިވެއެވެ. ނަމަވެސް ފިރިމީހާ ދެ އަނތްބަށް ކައިވެނި ކުރުމަށްފަހު، ދޮށީ އަނތްބާއި ދަރިންނަށް ދޭންވާ ލޯތްބާއި އަޅާލުން ނުދީ، 3 ފަށް ވަރިއަކުން ޝާހް ބާނޯ ވަރިކޮށް، ގެއިން ނެރެލައެވެ.
އެއަށްފަހު ކޯޓަށް ގޮސް ޝާހް ބާނޯ މަސައްކަތް ކުރަނީ، ކޮށްފައިވާ ވަރިއަކީ ވެސް އިސްލާމީ ޝަރީއަތުގައި ބާތިލު ވަރިއެއްކަން ސާބިތުކޮށްދިނުމަށާއި އޭނާއާއި އޭނާގެ ދަރިންނަށް ލިބެންވާ ހައްގު ހޯދައިދިނުމަށެވެ.
ނަމަވެސް ޝާހް ބާނޯގެ ފިރިމީހާއަކީ އެޑްވޮކޭޓަކަށް ވެސް ވުމާއެކު ކޯޓުގެ އެ ޝަރީއަތްތައް ކާމިޔާބު ކުރުމަކީ އެހާ ފަސޭހަކަމަކަށް ޝާހް ބާނޯއަކަށް ނުވިއެވެ.
ނަމަވެސް ހިތްވަރު ދޫކޮށް ނުލައި، އޭނާ ކުރި މަސައްކަތުން ފަހުން ވަނީ ޝަރީއަތް ކާމިޔާބުކޮށް، ލިބެންވާ ހައްގު ހޯދާފައެވެ.
ފިލްމު ”ހައްގު“ ގައި ވެސް ކަންތައް ވަނީ ހަމަ މިފަދައިންނެވެ. ޝާހް ބާނޯގެ ރޯލު ކުޅެފައިވާ ޔާމީއަަށް އެ ފިލްމުގައި ދީފައިވާ ނަމަކީ ”ޝާޒިޔާ ބާނޯ“ އެވެ. އަދި ޝާހް ބާނޯގެ ފިރިމީހާ މުހައްމަދު އަހްމަދު ޚާންގެ ރޯލު ކުޅެފައިވާ އިމްރާން ހާޝްމީއަށް މި ފިލްމުގައި ދީފައިވާ ނަމަކީ ”އައްބާސް“ އެވެ.



