އެއް ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި މާލެއިން ހައްޔަރު ކުރި ދެ ޒުވާނުންގެ ތެރެއިން އެކަކު، އޭނާއަކީ ނަފްސާނީ ބަލި މަތީ ދަރަޖައަކަށް ހުންނަ މީހެއް ކަމަށް އަނެއްކާ ވެސް ކޯޓުގައި ބުނެ، ބަންދަށް ލުޔެއް ދިނުމަށް އެދިއްޖެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. މަޑަވެލި، ވަލުތެރޭގެ / މުޙައްމަދު އީވާން ޙާމިދު (23އ.) އާއި ހ. ސަކީނާމަންޒިލް، މާލެ / މުޙައްމަދު ރާއިދު އަލީ އަސްގަރު (31އ.) އެވެ. ނަފްސާނީ ބަލި ހުންނަކަމަށް ބުނެފައިވަނީ ރާއިދު އެވެ.
މި ދެމީހުން ވެސް ހައްޔަރުކޮށްފައިވަނީ މި މަހުގެ ފަސް ވަނަ ދުވަހުއެވެ.
މި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށް، މާލޭގެ އެޕާޓްމަންޓެއް ބަލައިފާސްކުރިއިރު ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މީހުންގެ ބަންދަށް ފުރަތަމަ އިތުރު ކުރި ހަތް ދުވަސް ހަމަވެގެން އިއްޔެ ވަނީ އިތުރަށް ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. އިއްޔެ ކޯޓުން ވަނީ އެ ދެ މީހުން އިތުރަށް 30 ދުވަހު ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައެވެ.
އިއްޔެގެ ބަންދުގެ މަޖިލީހުގައި ވެސް ރާއިދު ބުނެފައި ވަނީ އޭނާއަކީ ވަރަށް ބޮޑަށް ނަފުސާނީ މައްސަލަ ހުންނަ މީހެއް ކަމަށާއި މީގެ ކުރިން ވެސް އޭނާ ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން ކުށް ކުރުވަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އޭނާގެ ބަލި ހާލަތަށް ބަލައިފައި ގޭބަންދަށް ނަމަވެސް ބަދަލު ކޮށްދިނުމަށް ރާއިދު ކޯޓުގައި އެދިފައިވެއެވެ. އެއީ ފުރަތަމަ ބަންދު މަޖިލީހުގައި ވެސް އޭނާ ބުނި ވާހަކައެކެވެ.
ނަމަވެސް އިއްޔެގެ ބަންދުގެ މުއްދަތު އިތުރުކުރި އަމުރުގައި ގާޒީ ވިދާޅުވެފައިވަނީ މައްސަލައިގައި ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ބަލާއިރު ބަންދުން ދޫކުރަން ޖެހޭ ފަދަ ހާލަތެއް އޮތް ކަމަށް ނުބެލެވޭ ކަމަށެވެ.




3 Comments
ޢެކަހަލަ ކުށްވެރިންނަށް މަރުގެ އަދަބުދީ… އޭރުން ނަފްސާނީ އެކޭ ނުކިޔޭނެ…
ރާއިދުގެ ސަލާމަތަށް ބަލައި ރަނގަޅުވާނީ ބަންދުން ދޫނުކުރުން، އެހެންނޫނީ އަނެއްކާ ބަޔަކު އޭނާ ނާޖާއިޒު ގޮތުގައި ބޭނުންކޮށްފާނެ.
ރާއިދު އެންމެ ރަނގަޅު ގޮތަކީ އެހެންމީހުން އޭނާގެ ނާޖާއިޒު ފައިދާ ނުނެގޭނޭ ގޮތް ހެދުމުގެ ގޮތުން އެއްބަސްވެ ޢުމުރު ދުވަހު ޖަލުގައި އޮތުން.