އދ. ފެންފުށީ ކްލާސްރޫމު އިމާރާތުގެ މަސައްކަތް ދިރާސީ އަހަރުގެ ކިޔެވުން ފެށެންވާއިރަށް ނިމޭނެ ކަމަށް މިމަސައްކަތުގެ ކޮންޓްރެކްޓަރ ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.
މި މަސައްކަތުގެ އަދާހަމައެއް ދެމުން އާރްޑީސީން ބުނީ މި އިމާރާތުގެ ކޮންކްރީޓް މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ.
ދެ ފަންގިފިލާއަށް ތަރައްޤީ ކުރާ ފެންފުށީ ސްކޫލު އިމާރާތަކީ 4 ކްލާސްރޫމުގެ އިމާރާތެކެވެ. މި ސްކޫލު އިމާރާތުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކޮށްފަވަނީ، 2021 ވަނަ އަހަރު އަމިއްލަ ކުންފުންޏަކާއެވެ. އެގޮތުން އެ މަސައްކަތް އެއިރު ހަވާލުކޮށްފަވަނީ، 5 މަސް ދުވަހުން ނިންމާ ގޮތަށް 4.6 މިލިއަން ރުފިޔާއަށެވެ.
ނަމަވެސް ފަހުން އެ މަސައްކަތް ލަސްވެ، މިދިޔަ އަހަރާ ޖެހެންދެންވެސް މަސައްކަތް އޮތީ ނުނިމިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހު ފެންފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ރަށުގެ ރައްޔިތުން ވަނީ، އެ މަސައްކަތް އަވަސް ކޮށްދިނުމަށް އެދިފައެވެ. އެގޮތުން 1200 އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ފެންފުށީ ސްކޫލުގެ ޖާގައިގެ މައްސަލަ ވަނީ ވަރަށް ބޮޑަށް ކުރިމަތިވެފައެވެ. ރައްޔިތުން އެދިފައިވާ ގޮތަށް، ފެންފުށީ ސްކޫލުގެ ކްލާސްރޫމް އިމާރާތުގެ މަސައްކަތް، ދިރާސީ އަހަރުގެ ކުރިން ނިންމަންދޭނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.
މަސައްކަތް ހުއްޓި ގިނަ ދުވަސްތަކެއްވެފައި އޮތުމަށްފަހު، އެކަން އަވަސް ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީއާއި ހަވާލު ކުރީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގައެވެ. އަދި އަމަލީގޮތުން އެ މަސައްކަތް ފެށީ، ޖުލައި މަހުގައެވެ.


