ހަކުރު ހިމެނޭ ބުއިންތައް ބޭނުންކުރުން މަދުކުރުމަށް އެ ބުއިންތަކުން ނަގާ ޓެކްސް ބޮޑު ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، (ޑަބްލިޔު.އެޗް.އޯ) އިން ގައުމުތަކަށް ލަފާދީފިއެވެ.
ޑަބްލިޔުއެޗްއޯ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހަކުރު އެކުލެވޭ ބުއިންތަކާއި ރަލުގެ ބާވަތްތައް ގައުމުތަކުގައި އަގުހެޔޮ ވަމުން އަންނަ ކަމަށެވެ.
މިގޮތުން، ހަކުރު ބައްޔާއި ހިތުގެ ބަލިތަކާއި ކެންސަރު ގައުމުތަކުގައި އިތުރުވުމުގެ މައިގަނޑު ސަބަބަކީ، އެ ބުއިންތައް ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.
އެ ޖަމިއްޔާއިން ބުނިގޮތުގައި، ގައުމުތަކުގެ ’ބަލިކަށި‘ ޓެކްސް ނިޒާމުގެ ސަބަބުން، ގެއްލުން ހުރި އުފެއްދުންތައް އަގުހެޔޮކޮށް ވިއްކަން ފުރުސަތު ލިބިފައިވާ ކަމަށެވެ. އަދި، ގައިން ގަޔަށް ނާރާ ބަލިތަކުގެ ސަބަބުން، ސިއްހީ ނިޒާމަށް މާލީ ޕްރެޝަރު ބޮޑުވެފައިވާ ކަމުގެ ކަންބޮޑުވުން އެ ޖަމިއްޔާއިން ފާޅުކުރިއެވެ.
އޭގެއިތުރުން، މިފަދަ އުފެއްދުންތައް ވިއްކައިގެން، ބިލިއަން ޑޮލަރުން ފައިސާ ހޯދޭއިރު، ސިއްހީ ދާއިރާއަށް އެ ބާވަތްތަކުގެ ޓެކްސްއިން ލިބެނީ ވަރަށް ކުޑަ އަދަދެއްކަން ޑަބްލިޔު.އެޗް.އޯ އިން ފާހަގަކުރިއެވެ.



