މާލޭގެ ގެއެއްގެ ގަހަކުން ވަގަށް އަނބު ބިން މީހަކު ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
އޭނާ ޖަލަށް ލާން ކޯޓުން އަމުރުކުރީ މިދިޔަ އާދީއްތަ ދުވަހުއެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާކުރީ ކ. ދިއްފުށީ މީހެއްގެ މައްޗަށެވެ. އެ މީހާގެ މައްޗަށް ދައުލަތުން އުފުލީ، އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމާއި، ވައްކަން ކުރުމުގެ ކުށުގެ ދައުވާއެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ހިނގި މި ހާދިސާގެ ދައުވާގައި ވާގޮތުން އެ މީހާ ވަނީ ގ. ކަންޒުދޮށުގެއަށް އެ ގޭގެ ވެރިފަރާތުގެ ހުއްދަ ނެތި ވަދެފައެވެ. އަދި، އެ ގޭގައި ހުރި އަނބު ގަހުން 127 އަނބު ބިނދެފައިވާ ކަމަށް ދައުވާގައިވެއެވެ.
އެ މީހާ ވަނީ އެ ކުށަށް ޝަރީއަތުގައި އިއުތިރާފުވެފައެވެ. އެހެންވެ، ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގައި އޭނާއަށް ކްރިމިނަލް ކޯޓުން ވަނީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަދި، ވައްކަންކުރުމުގެ ކުށުގައި އޭނާއަށް ވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.



