ރަސްމާލެ މަޝްރޫޢުގެ ދަށުން ”ސައިޓް އޭ“ އިން 71 ހެކްޓަރުގެ ބިން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ހިއްކާ ނިންމައިފިއެވެ.
ރަސްމާލެ ”ސައިޓް އޭ“ ގެ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ. މިމުއްދަތުގެ ތެރޭގައި ދުވާލެއްގެ މައްޗަށް އެސައިޓުން ދޮޅު ހެކްޓަރުގެ ބިން ހިއްކައެވެ.
މި މަޝްރޫއުއަކީ، މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މިމަޝްރޫޢުގެ ދަށުން ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން 12 ސަރަޙައްދަކަށް ބަހާލައިގެން ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާއިރު، ބިން ހިއްކުމުގެ މަސައްކަތް އަވަސް ކުރުމަށް އިތުރު ޑްރެޖަރުތަކާއެކު މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.
މިމަޝްރޫޢުގެ ދަށުން ހިއްކުމަށް ހަމަޖެހިފައިވާ ”ސައިޓް އޭ“އިން ޖުމްލަ 138 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.
އެމްއޭސީއެލްއިން މިހާރު ލީޑު ކުރަމުންދާ މިމަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތުގެ ދަށުން ”ސައިޓް އޭ“ އިން މިހާތަނަށް 71 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައިވާ ކަމަށް އެކުންފުނިން މިއަދު ބުންޏެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތް އަވަސް ކުރުމަށް މިވަގުތު ދުނިޔޭގައި ބިން ހިއްކުމުގައި ބޭނުން ކުރަމުންދާ އެންމެ ބޮޑު ޑްރެޖަރު ކަމަށްވާ ކްރިސްޓަބަލް ކޮލޯން އަންނަނީ ބޭނުން ކުރަމުންނެވެ. އެމްއޭސީއެލްއާއި ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަނާއި، އިންޑިއާގެ މޯހަން މުތާއާއި، ޗައިނާ ހާބަރ އިންޖިނިއަރިންގްއިން އަންނަނީ، ބިން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ، އަންނަ މާރިޗު މަހުގެ ނިޔަލަށް ރަސްމާލެ ހިއްކުމުގެ މަސައްކަތް ނިންމުމެވެ.



