ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ފެށި މަސައްކަތުގެ ދަށުން ސާޅީސް މީޑިއާއަކަށް ފައިސާ ދޫކޮށްފައިވާ ކަމަށް ޔޫތު މިނިސްޓްރީން ބުނެފިއެވެ.
އެގޮތުން މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިންގ ކޮމިޝަނުން އެކުލަވާލި އުސޫލުގެ ދަށުން 40 މީޑިއާއެއް ޝަރުތުހަމަވާ ކަމަށް ކަނޑައަޅާފައިވެއެވެ.
ޔޫތު މިނިސްޓްރީން ބުނީ މީޑިއާތަކަށް ލިބޭ ފައިސާގެ މިންވަރު އެ ކޮމިޝަނުން މިނިސްޓްރީއަށް އެންގުމުން ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް އެފަރާތްތަކަށް ފައިސާ ޖަމާކޮށްދީފައިވާ ކަމަށެވެ.
މިގޮތުން ޝަރުތު ހަމަވި، 40 މީޑިއާއަކަށް 27،295،532.69 ރުފިޔާ ދޫކޮށްފައިވާ ކަމަށް ޔޫތު މިނިސްޓްރީން ބުނެފައި ވެއެވެ.
މީޑިއާތަކަށް މާކްސް ދިނުމުގައި ބަލާފައިވާ މިންގަނޑުތަކުގެ ތެރޭގައި މީޑިއާ ހިންގާފައިވާ މުއްދަތާއި، މުވައްޒަފުންގެ އަދަދާއި، މީޑިއާ ހައުސްގެ ކުރިއެރުމަށް ހުށަހަޅާފައިވާ ބިޒްނަސް ޕްރޮފައިލްގެ އިތުރުން ކޮންޓެންޓުގެ ބާވަތާއި މުވައްޒަފުންގެ ތައުލީމީ ފެންވަރާއި ތަޖުރިބާ ހިމެނެއެވެ.
މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި މީޑިއާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 28 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މިއީ ދައުލަތުގެ ބަޖެޓުގެ އަންދާޒާ ކުރެވޭ އާމްދަނީގެ 0.1 އިންސައްތައެވެ.




