ރާއްޖެއަށް 60 ފަހަރު ޒިޔާރަތްކުރި އިނގިރޭސިވިލާތުގެ ދެމަފިރިއަކު ރާއްޖޭގައި ޑައިވް ކުރަނިކޮށް މަރުވެއްޖެއެވެ.
އެ ދެމަފިރިންގެ މަރާ ބެހޭގޮތުން އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ ”ޑެއިލީ މެއިލް“ ގެ ރިޕޯޓެއްގައި އިއްޔެ ބުނެފައިވަނީ، އއ. އެއްލައިދޫ ބައި ސިނަމަން ރިސޯޓު ކައިރީގައި މިދިޔަ މަހު ހިނގި އެ ހާދިސާގައި މަރުވީ ރިޓަޔާޑް ދެމަފިރިން ކަމަށްވާ އިލެއިން ރިޗްމަންޑާއި އޭނާގެ ފިރިމީހާ މެލްކަމް ރިޗްމަންޑް ކަމަށެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ހިނގި އެ ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް ސާފު ނުވި ނަމަވެސް އުމުރުން 70 އަހަރުން މަތީގެ އެ ދެމަފިރިން ފެނުނީ އޮޔާދަނިކޮށް ކަނޑުމަތިން ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ. އެމީހުން މޫދުން ނެގިއިރު އަންހެން މީހާ އޮތީ މަރުވެފައި ކަމަށާއި ފިރިހެން މީހާ މަރުވީ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އޭގެ ތިން ދުވަސް ފަހުން މިދިޔަ މަހުގެ 22 ވަނަ ދުވަހު ކަމަށް ވެސް އެ ނޫހުގައި ބުންޏެވެ.
އެ ދެމަފިރިންގެ ޖަނާޒާގެ ކަންކަން އިންތިޒާމުކުރާ ފަރާތާ ހަވާލާދީ ޑެއިލީ މެއިލްގެ ރިޕޯޓުގައި ބުނީ އެ ދެމަފިރިންގެ މަރުގައި ޝައްކު ކުރެވޭ އެއްވެސް ކަމެއް ނެތް ކަމަށެވެ. އަދި އެ ދެމަފިރިންގެ ޖަނާޒާ މި މަހު 29 ގައި އިނގިރޭސިވިލާތުގައި ބާއްވަން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
އެ ރިޕޯޓުގައި ބުނީ އެ ދެމަފިރިންގެ ދަރިއަކު ނުހުންނަ ކަމަށާއި އެމީހުންގެ ވާރުތަވެރިޔަކަށް ހުރީ ބޮޑުުބޭބެ/ބޮޑުދައިތަ ކިޔާ ކުއްޖެއް ކަމަށެވެ.
”ޑެއިލީ މެއިލް“ގައި ބުނީ އެ ދެމަފިރިން އެއްލައިދޫ ރިސޯޓަށް 60 ފަހަރު ޒިޔާރަތްކޮށްފައިވާ ކަމަށާއި އަދި މިދިޔަ އަހަރު އެކަނި ވެސް ތިން ފަހަރަކު ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ 17 އަހަރު ކޮންމެ އަހަރެއްގެ ކްރިސްމަސް އެ ދެމަފިރިން ފާހަގަކުރީ އެ ރިސޯޓުގައި ކަމަށް ވެސް އެ ނޫހުގައި ބުންޏެވެ.



