ހާލު ކިހިނެއް ޕްރޮގްރާމްގެ ތެރެއިން މިހާތަނަށް 17000 ގޭބިސީއަށް ޒިޔާރަތް ކޮށްފައިވާ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ މިނިސްޓަރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިފަދައިން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ގެނެސްދެއްވާ ”ތަރުޖަމާނާ އެކު“ އެޕިސޯޑް 3 ގައިވާހަކަ ދައްކަވަމުންނެވެ.
އެގޮތުން، މި ޕްރޮގްރާމުގެ ތެރެއިން ދިމާވާ ފަރާތްތަކުގެ ހާލަތު އަބަދުވެސް ގާތުން ބައްލަވަމުން ގެންްދަވާ ކަމުގައިވެސް މިނިސްޓަރުގެވާހަކަފުޅުގައި ވަނީ ފާހަގަރައްވާފައެވެ.
”ހާލު ކިހިނެއް؟“ ޕްރޮގްރާމަކީ އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރު ފުރިހަމަކޮށް، ރައްޔިތުންގެ ޙާލަތު ދެނެގަނެ، ގާތުން ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން އެ މިނިސްޓްރީން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގެ މަޤްސަދަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ތިބި ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް، އެމީހުންގެ ހާލު ބަލައި، މުޖުތަމަޢުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެހީތެރިވުމެވެ.
މި ޕްރޮގްރާމުގެ ދަށުން އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ދައުލަތުގެ އެހެން މުވައްސަސާތަކާއި ކަމާ ގުޅުންްހުރި އެހެނިހެން އިދާރާތްތަކާއި ވަރަށް ގާތުން މަސައްކަތްކުރައްވާ ކަމުގައިވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެެވެ.




