ތައިލެންޑުގެ އިރުއުތުރު ސަރަހައްދެއްގައި، އިމާރާތުގެ މަސައްކަތެއް ކުރުމަށް ބޭނުންކުރި ކެރޭނެއް ރޭލެއްގެ މައްޗަށްވެއްޓި 32 މީހަކު މަރުވެ، 67 މީހަކު ވަރަށް ބޮޑަށް ޒަހަމްވެއްޖެއެވެ.
ރިޕޯޓުތަކުން ބުނާގޮތުގައި އެ ކެރޭނު ވެއްޓިފައިވަނީ ކްރޫއިން ހިމެނޭހެން 195 މީހުން ދަތުރުކުރި ރޭލެއްގެ މައްޗަށެވެ.
އިއްޔެ ހެނދުނު 9:00 ހާއިރު މި ހާދިސާ ހިނގިއިރު ރޭލު ދަތުރުކުރާތާ ގާތްގަނޑަކަށް ތިން ގަޑިއިރު ވެފައިވާ ކަމަށް ރޭލުގެ މުވައްޒަފަކު މައުލޫމާތު ދީފައިވެއެވެ. މި ކެރޭނަކީ އެ ސަރަހައްދުގައި ކުރިއަށްދާ ހައި-ސްޕީޑް ރޭލު މަޝްރޫއެއްގެ މަސައްކަތުގައި ބޭނުންކުރަމުންދިޔަ އެއްޗެކެވެ.
ބެންކޮކުން ފުރައިގެން ތައިލެންޑުގެ އުބޮން ރަޓްޗަތާނީ ޕްރޮވިންސަށް ދަތުރުކުރި އެ ރޭލުގެ މައްޗަށް ކެރޭނު ވެއްޓެން ދިމާވި ސަބަބު ހޯފުމަށް މިވަގުތު ތައިލެންޑު ފުލުހުން ވަނީ ތަހުގީގެއް ފަށާފައެވެ.
ތައިލެންޑުގެ ބޮޑުވަޒީރު އަނޫޓިން ޗާންވީރަކުލް ވަނީ މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުއްވާފައެވެ.
ނަކޮން ރަޓްޗަސީމާ ޕްރޮވިންޝަލް ޕަބްލިކް ހެލްތު އޮފީހުން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާގައި ޖުމްލަ 67 މީހަކަށް އަނިޔާވެފައިވާއިރު، އޭގެ ތެރެއިން އަށް މީހެއްގެ ހާލު ވަރަށް ސީރިއަސްއެވެ.



