ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު ހާސިލްކުުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ބޮޑު އަޕްގްރޭޑަކާއެކު އީފާސްގެ އައު ވާރޝަންއެއް މިއަހަރުގެ މެދުތެރޭގައި ނެރެވިގެންދާނެ ކަަމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް އެންޑް ސެކިއުރިޓީގެ ސްޓޭޓް މިިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ.
ސްޓޭޓް މިނިސްޓަރ ކިނާނަތު މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާއިން ދައްކާ ޕްރޮގްރާމެއްގައި ރޭގައި ބައިވެރިވެވަޑޢިގެން، ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު ހާސިލްކުުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އީފާސްއަށް ގެނައުމަށް ނިންމާފައިވާ ބަދަލުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.
އީފަސްއަކީ ޔޫސާ ޕްރެންޑްލީ އެޕްލިކޭޝަނެއް ނޫން ކަމަށް އާންމުންގެ ތެރެއިން ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެގޮތުން އީފާސް ހުޅުވާލާކޮންމެ ފަހަރަކު ލޮގިންވުމަށާއި، އިފާސް މެދުވެރިކޮށް ޚިދުމަތްތަކަށް އެޕްލައިކުރުމަށް އުނދަގޫތަކާ ކުރިމަތިލާންޖެހޭކަމީ އާންމުންގެ ފަރާތުން ވަރަށް ގިނައިން އިވެމުންދާ ޝަކުވާއެކެވެ.
ސްޓޭޓް މިނިސްޓަރ ވިދާޅުވީ، އީފާސް ބޭނުންކުރާތާ މިހާރު ގިނަ ދުވަސްތަކެއް ވެފައިވާއިރު، މިހާތަނަށް އައު ވަރޝަންއެއް ނެރެވިފައި ނުވާ ކަމަށެވެ. އެހެންކަމުން މިހާރު އެންމެ އިސްކަމެއް ދީގެން ކުރަމުންދާ އެއް މަސައްކަތަކީ އީފާސްގެ ދެވަނަ ވަރޝަން ނެރުން ކަމަށާއި، އެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އީފާސް ބޭނުންކުރުމުގައި އާންމުންގެ ގިނަ ޝަކުވާތަކެއް ހުރިކަން ފާހަގަކުރައްވަމުން ޑރ. ކިނާނަތު ވިދާޅުވީ، އައު ވަރޝަން ފަރުމާކުރަނީ ވަރަށް އެޑްވާންސް ފީޗަރސްތަކަކާއެކު ކަމަށެވެ. ޚާއްޞަކޮށް، އީފާސް ހުޅުވާލާ ކޮންމެ ފަހަރަކު ލޮގިންވާންޖެހުމާއި، ޚިދުމަތްތަކަށް އެޕްލައިކުރުމުގައި ދިމާވާ ދަތިތަކަށް މި އައު ވަރޝަންއާއެކު ހައްލެއް ލިބިގެންދާނެ ކަމަށް ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.



