މި ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ގޯއްޗާއި ފްލެޓަށް ކުރިމަތިލާން ހުޅުވާލާނީ އަންނަ އާދިއްތަ ދުވަހު ކަމަށް ހައުސިން މިނިސްޓްރީން މިއަދު އިއުލާނު ކޮށްފިއެވެ.
އެ މިނިސްޓްރީން މީގެ ކުރިން އިއުލާނު ކޮށްފައި އޮތީ ގޯއްޗާއި ފްލެޓަށް ކުރިމަތިލާން މިއަދު ހުޅުވާލާނެ ކަމަށެވެ.
ނަމަވެސް އެ ފުރުސަތަށް ހުޅުވާލުން އަންނަ އާދީއްތަ ދުވަހަށް މިހާރު ފަސްކޮށްފައިވާ ކަމަށް މިއަދު ހައުސިންގް މިނިސްޓްރީން ވަނީ ބުނެފައެވެ.
ހައުސިންގް މިނިސްޓްރީން ބުނިގޮތުގައި މިފަދައިން ނިންމާފައިމިވަނީ ގިނަ ބަޔަކު ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލާނެ ކަމަށް ބެލެވޭތީއާއި ހަފްތާ ބަންދާ ދިމާކޮށް އެ ފުރުސަތު ހުޅުވާލުމުން ރައްޔިތުން މިކަމާ ގުޅޭގޮތުން ސާފުކުރަން ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށް ދަތިވެދާނެތީއެވެ.
މިހާރު ނިންމާފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 9 ޖަހާއިރު ގޯއްޗާއި ފްލެޓަށް އެދޭ ”ހިޔާވަހި ޕޯޓަލް“ އާންމުކޮށް ހުޅުވާލުމަށެވެ. އަދި މި އުސޫލުގެ ދަށުން، މާލޭ ރައްޔިތުންނަށާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިމާއި ފްލެޓު ދޫކުރާނެއެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިން ދޫކުރުމުގެ އުސޫލުގެ ދަށުން 1،250 އަކަފޫޓުގެ 15،000 ގޯތި ދޫކުރާނެ އެވެ. އޭގެ ތެރޭ ހިމެނެނީ:
° މާލޭ ރަށްވެހިންނަށް 10،000 ގޯތި
° މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް 3،000 ގޯތި
° މައިމުޅަވުމުގެ ސަބަބުން ގޯތި މިލްކުކުރުމުން މަހުރޫމުވެފައިވާ މީހުންނަށް 500 ގޯތި
° މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުން އެ ބިމެއް ތަރައްގީ ކުރުމަށް ދަތިވާ ގޯތިތަކާ ލާޖައްސައިގެން ގޯތި ބަަދަލު ކުރާ މީހުންނަށް 1،500 ގޯތި
ފްލެޓު ދޫކުރުމުގެ އުސޫލުގެ ދަށުން ޖުމްލަ 7،500 ފްލެޓު ދޫކުރާނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ:
° މާލޭ ރަށްވެހިން – 4،000 ފްލެޓު
° މާލޭގައި ރަށްވެހިވެފައިނުވާ މާލޭގައި ދިރިއުޅޭ މީހުން – 1،500 ފްލެޓު
° 18 އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި ބަފައިން – 100 ފްލެޓު
° ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް – 100 ފްލެޓު
° އަލަތު ކައިވެނި ކުރާ ފަރާތްތައް/ޒުވާން އާއިލާތައް – 250 ފްލެޓު
° މާލޭގައި އާއިލާ ބިނާކޮށްފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުން – 50 ފްލެޓު
° މާލޭގައި އާއިލާ ބިނާކޮށްފައިވާ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން – 200 ފްލެޓު
° މާލޭގައި އާއިލާ ބިނާކޮށްފައިވާ ޖުޑިޝަރީ ދާއިރާގެ މުވައްޒަފުން – 100 ފްލެޓު
° މާލޭގައި އާއިލާ ބިނާކޮށްފައިވާ މަސްވެރިންގެ ދަފްތަރުގައި ހިމެނޭ މީހުން – 100 ފްލެޓު
° މައިމުޅަވުމުގެ ސަބަބުން ގޯތި މިލްކުުކުރުމުން މަހުރޫމުވެފައިވާ މީހުން – 50 ފްލެޓު
° ވެށިފަހި އަދި ހިޔާ މަޝްރޫއުން ފްލެޓު ލިބޭނެ ކަމުގެ ލިޔުން ލިބި، އެ ލިޔުމާ އެއްގޮތަށް ފްލެޓު ނުލިބޭ މީހުން – 300 ފްލެޓު
° ދިރިއުޅޭނެ ބޯހިޔާވަހިމަމެއް ނެތި މާލޭގައި އުޅޭ ފަގީރު އާއިލާތަކަށް ބޯހިޔާވަހިކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހައުސިން މިނިސްޓްރީން ކަނޑައަޅާ ދައުލަތުގެ މުއައްސަސާއަކުން ހަދާ އެސެސްމެންޓަކުން ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭންޖެހޭ ކަމަށް ކަނޑައަޅާ ފަރާތްތައް – 50 ފްލެޓު
° ފުލުހުން – 100 ފްލެޓު
° ސިފައިން – 100 ފްލެޓު
° ސިވިލް ސާވިސް – 200 ފްލެޓު
މީގެއިތުރުން، އެކި އިދާރާތަކާއި މުއައްސަސާތަކަށް ހާއްސަ 300 ފްލެޓު ވެސް ހިމެނެއެވެ. މީގެ ތެރޭގައި ރައީސް އޮފީސް، ރައްޔިތުންގެ މަޖިލީހުގެ އިދާރާ، މީރާ، އެލްޖީއޭ، ޖޭއެސްސީ، ފޮރިން ސާވިސް، އޭޖީ އޮފީސް، އީސީ، ސީއެސްސީ، އެޗްއާރުސީއެމް، އޭސީސީ، ޕީޖީ އޮފީސް، އޮޑިޓް އޮފީސް، އެމްއެމްއޭ، ޕެންޝަން އޮފީސް، އެންއައިސީ، މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން، އެފްޕީއޭ، އާބިޓްރޭޝަން ސެންޓަރު، ޗިލްޑްރަންސް އޮމްބަޑްޕާސަންގެ އޮފީސް، އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓަންޓްސް އޮފީސް، ސީއެމްޑީއޭ، ވަޒީފާއާ ބެހޭ ޓްރައިބިއުނަލް އަދި ޓެކްސް އެޕީލް ޓްރައިބިއުނަލް ވެސް ހިމެނެއެވެ.




1 Comment
އޭ މަބުނީ ، ކޯއްޗެއްތަ ބޭނުންވަނީ މިޔަ ލާން.