އެންމެ 6 ދުވަސްތެރޭ މާލެ ސަރަހައްދުގައި 67 އެކްސިޑެންޓު ހިނގާފައިވާކަން ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން މިއަދު އާންމު ކުރި ޓްރެފިކް ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 4 އިން 10 އާއި ހަމައަށް މާލެ، ސިނަމާލެ ބްރިޖު އަދި ހައިވޭ ހިމެނޭހެން 67 އެކްސިޑެންޓު ހިނގާފައިވާ ކަމަށް ވަނީ ރިޕޯޓު ކޮށްފައެވެ.
އެގޮތުން މި މުއްދަތުގައި އެންމެ ގިނަ އެކްސިޑެންޓު ހިނގާފައިވަނީ މާލޭގައި ކަމަށާއި، މާލޭގައި 56 އެކްސިޑެންޓު ހިނގާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މި މުއްދަތުގެ ތެރޭގައި އެންމެ ގިނަ އެކްސިޑެންޓު ހިނގާފައިވަނީ މި މަހުގެ 6 ވަނަ ދުވަހުއެވެ. އެދުވަހު އެކަނިވެސް 13 އެކްސިޑެންޓު އަދި 7 ޖެނުއަރީގައި 12 އެކްސިޑެންޓު ހިނގާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
އެންމެ ގިނައިން އެކްސިޑެންޓުހިނގާފައި ވަނީ ދުވާލު ގަޑީގައި ކަމަށް ވެސް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މީގެއިތުރުން ތަފާސްހިސާބުތަކަށް ބަލާއިރު، މި މުއްދަތުގައި:
° ސައިކަލާއި ސައިކަލެއް ޖެހިގެން 19 އެކްސިޑެންޓު
° ސައިކަލަކާއި ކާރެއް ޖެހިގެން ވެސް 19 އެކްސިޑެންޓު، ހިނގާފައިވެއެވެ.
ޖުމްލަ 67 އެކްސިޑެންޓު އެ މުއްސަތުގައި ހިނގާފައިވާއިރު، އެއް އެކްސިޑެންޓު ފިޔަވައި ބާކީ 66 އެކްސިޑެންޓަކީ ކުދި އެކްސިޑެންޓުތައްކަން ފުލުހުން ފާހަގަ ކޮށްފައިވެއެވެ.




