މި ފަހުން ރާއްޖެ ސަރަހައްދުން ފެނުނު، މަރުވެފައި އޮތް ދެ މީހެއްގެ ހަށިގަނޑަކީ ވެސް، ގެއްލިގެން ހޯދަމުން އަންނަ ރަޝިއާ ފަތުރުވެރިޔާގެ ހަށިގަނޑު ނޫންކަން ފުލުހުން މިއަދު ހާމަކޮށްފިއެވެ.
އއ. އުކުޅަހުގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ރަޝިއާގެ ފަތުރުވެރިއެއް މިދިޔަ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހު ވަނީ ގެއްލިފައެވެ. އެއީ ރޯމަން ލުރޮޗްކިން ކިޔާ އުމުރުން 48 އަހަރުގެ މީހެއްކަން ވަނީ އެނގިފައެވެ. އެ ރަށު ކައުންސިލުން އެއިރު ބުނެފައިވާ ގޮތުގައި، އޭނާ ގެއްލުނު ކަމަށް ބެލެވެނީ މޫދަށެވެ.
އޭގެ ފަހުން، ކ. ކަނޑޫމާތިލަ ކައިރިން މިދިޔަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ވަނީ މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައެވެ. އަދި، މި މަހުގެ ހަތަރުވަނަ ދުވަހު ވަނީ ރ. ކިނޮޅަހު ބޭރުން ވެސް މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ރ. ކިނޮޅަހު ބޭރުން ފެނުނު ހަށިގަނޑުގެ ޑީއެންއޭ ތަހުލީލުތަކުން އެއީ ފިރިހެނެއްގެ ހަށިގަނޑުކަން ކަށަވަރުވެފައިވާ ކަމަށެވެ. އަދި އެ ހަށިގަނޑާއި ކ. ކަނޑޫމާތިލަ ކައިރިން 2025 ޑިސެމްބަރު 21 ވަނަ ދުވަހު ފެނުނު ހަށިގަނޑުގެ ޑީއެންއޭގެ ނަތީޖާއަށް ބަލާއިރު، އެއީ 2025 ޑިސެމްބަރު 17 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ ރަޝިއާގެ ފަތުރުވެރިޔާގެ ހަށިގަނޑު ނޫންކަން ވެސް ޔަގީންކުރެވިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމުގައި ވެސް އޮފިޝަލު ވިދާޅުވިއެވެ.



