”ކިޔު ސްޓަޑީ“ ގެ ނަން ބަޔަކު އޮޅުވާލައިގެން ބޭނުންކުރާ މައްސަލައެއް ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.
ކިޔު ސްޑަޓީން ބުނީ، އެ އިދާރާގެ ނަން ބޭނުން ކޮށްފައިވަނީ ”އެމް.ވައި ކިޔު ސްޓަޑީ“ ކިޔާ ބައެއް ކަމަށާއި މިއީ ސީދާ ”ކިޔު ސްޓަޑީ“ ގެ ނަން އޮޅުވާލައިގެން ބޭނުން ކުރަމުން އަންނަ ބައެއް ކަަމަށެވެ.
މިކަމާ ގުޅިގެން ކިޔު ސްޓަޑީ ހިންގަމުން އަންނަ ”ޒައި އިންވެސްޓްމެންޓުން“ މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ Q Study Maldives, Q Study, Q Study World, Q World, International Education Expo, Q World Expo, Study Abroad, International Study Abroad Educational Expo މި އެންމެހާ ނަންތަކަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އިން ޒައި އިންވެސްޓްމަންޓަށް ރަޖިސްޓަރ ކޮށްދެއްވާފައިވާ ނަންތަކަކެއް ކަމަށެވެ. އަދި ފާއިތުވެ ދިޔަ 7 އަހަރު ދުވަހު މި ނަންތަކުގައި ވަރަށް ގިނަ ކާމިޔާބު އެޑިއުކޭޝަނަލް ފެއަރ އަދި އެކްސްޕޯތަކެއް މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ކުންފުނިން ހިންގާފައިވާ ކަމަށާއި އެ ކުންފުނީގެ ބެލުމުގެ ދަށުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށް ގިނަ އަދަދެއްގެ ކުދިން ވަނީ މަތީ ތަޢުލީމު ހާސިލުކުރުމަށް ފޮނުވިފައި ކަމަށެވެ.
ނަމަވެސް، ބޭރު ބަޔަކާއި ގުޅިގެން، ”ލީގަލް އެއިޑް އެލް.އެލް.ޕީ“ ކިޔާ ބައެއް ވަނީ MY Q STUDY ގެ ނަމުގައި ވިޔަފާރި ނަމެއް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުގައި ރަޖިސްޓަރީކޮށްފައި ކަމަށާއި މިއީ ސީދާ ކިޔު ސްޓަޑީ ހިންގާ ފަރާތުގެ ނަމުގައި ރެޖިސްޓަރކޮށްފައިވާ Q STUDY އަދި Q STUDY Maldives ގެ ނަން އޮޅުވާލައިގެން ކުރިއަށް ”MY“ އިތުރުކޮށް، ކިޔަން ނޭނގޭނެ ފަދަ ކުޑަ ފޮންޓެއް ބޭނުންކޮށްގެން މީހުންނަށް އޮޅޭނެ ފަދަ ގޮތަކަށް އިސްތިހާރުކުރުމަށް ބޭނުންކޮށްފައިވާ އުކުޅެއް ކަމުގައި ވެސް ބުނެފައިވެއެވެ.
މިކަމާއި ގުޅިގެން ޝަކުވާ ހުށަހެޅުމުން އެނަން ބަދަލުކުރުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ވަނީ ”ލީގަލް އެއިޑް އެލް. އެލް. ޕީ“ އަންގާފައެވެ. ނަމަވެސް ނަން ބަދަލު ކުރުމަށް އަންގާފައިވަނިކޮށް މިހިނގާ ޖަނަވަރީ މަހުގެ 16 އަދި 17 ވަނަ ދުވަހު ބާސެލޯ ނަސަންދުރަ ހޮޓަލުގައި MY Q STUDY އަދި INTERNATIONAL STUDY ABROAD EDUCATION EXPO ގެ ނަން ބޭނުންކޮށްގެން އެޑިއުކޭޝަނަލް އެކްސްޕޯ އެއް ބޭއްވުމަށް މާލެ މަގުތަކާއި ސޯޝަލް މީޑިޔާ މެދުވެރިކޮށް އިޝްތިހާރު ކުރަމުންދާ ކަމުގައިވެސް ބުނެފައިވެއެވެ.
އެހެންކަމުން މި ދެ ނަން ބޭނުންކޮށްގެން އަދި ކިޔު ސްޓަޑީގެ ރެޖިސްޓަރޑް ލޯގޯ ބޭނުންކޮށްގެން ދަރިވަރުންނާއި ބެލެނިވެރިނަށް އޮޅޭގޮތަށް ބަޔަކު ހިންގަމުންދާ ހަރަކާތް ދައުލަތުގެ ކަމާ ގުޅޭ އެންމެހާ ފަރާތްތަކުގެ ސަމާލުމަކަށް ގެނެސްފައިވާ ކަމަށާއި އަދި INTERNATIONAL STUDY ABROAD EDUCATION EXPO ގައި އެކްސްޕޯ އެއް ހިންގުމުގެ ހުއްދަ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން އެއްވެސް ފަރާތަކަށް ދީފައިނުވާކަން އެ ވުޒާރާއިން ކަށަވަރުކޮށްދީފައިވާކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
”ވުމާއެކު، މިއީ Q STUDY ގެ ނަން އަދި INTERNATIONAL STUDY ABROAD EDUCATION EXPO ގެ ނަން ބޭނުން ކޮށްގެން އާންމު މުޖުތަމަޢަށް، ޚާއްސަކޮށް ދަރިވަރުންނާއި ބެލެނިވެރިންނަށް އޮޅޭގޮތަށް ބަޔަކު ހިންގަމުންދާ ހީލާތްތެރި ޢަމަލެއްކަން ފާހަގަކުރަން. އަދި މިކަން ހަރުކަށި އިބާރާތުން އަޅުގަނޑުމެން ކުށްވެރިކުރަން. ބާސެލޯ ނަސަންދުރަ ހޮޓަލްގައި 2026 ޖަނަވަރީ 16 އަދި 17 ގައި ބޭއްވުމަށް އިސްތިހާރުކުރަމުންދާ އެޑިއުކޭޝަނަލް އެކްސްޕޯ އަކީ Q STUDY Maldives އަދި INTERNATIONAL STUDY ABROAD EDUCATION EXPO އާއި އެއްވެސް ގުޅުމެއް އޮތް އެކްސްޕޯ އެއް ނޫންކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަން. އަދި MY Q STUDY އަކީވެސް Q STUDY Maldives އާއި އެއްވެސް ގުޅުމެއް ވާ ފަރާތެއް ނޫން ކަމުގައި ދަރިވަރުންނާއި ބެލެނިވެރިންގެ ސަމާލުކަމަށްޓަކައި ދަންނަވަން.“ އެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން، Q STUDY Maldives ނަން ބޭނުން ކޮށްގެން އާންމު މުޖުތަމަޢަށް އޮޅޭގޮތަށް އެޑިއުކޭޝަނަލް އެކްސްޕޯ ހިންގުމަށް އިޝްތިހާރުކުރަމުން އަދި ދަރިވަރުން އަތުން ފައިސާ ނަގަމުން ދާކަމުގެ މަޢުލޫމާތު ލިބިފައިވާތީވެ މިކަމާއި ގުޅިގެން އަޅަންޖެހޭ އެންމެހާ ޤާނޫނީ ފިޔަވަޅެއް އަޅާނެ ކަމަށާއި މިކަމާއި ގުޅިގެން ސިވިލްކޯޓަށް ދައުވާ އުފުލާފައިވާ ވާހަކަ ވެސް ބުނެފައިވެއެވެ.




