މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމަށް މަސައްކަތްކުރާ (މަޖޫރީންގެ) ކުންފުނިތަކުގެ ވެރިންނާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ އެ އޮފީހުގައި ބޭއްވި އެ ބައްދަލުކުރެއްވުމުގައި، މާލޭ ވިޔަފާރި ބަނދަރުން މުދާ ހުސްކޮށް ބޭރުކުރުމުގައި އެ ކުންފުނިތަކަށް ދިމާވާ ހުރިހާ ދަތިތަކެއް ހުށަހެޅުމުގެ ފުރުސަތު ދިން ކަމަށެވެ.
އެގޮތުން މުދާ އުފުލާ ގަޑިއާއި ވަސީލަތްތަކާއި އިދާރީ ނިޒާމް ހަރުދަނާކުރުމާ ގުޅޭ ގޮތުން އެ ބޭފުޅުންގެ ހުރި ކަންބޮޑުވުންތައް ރައީސްއާ ހިއްސާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މުދާ ހުސްކުރުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ ވެރިން ހުށަހެޅުއްވި ކަންކަމަށް ރަނގަޅު ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
އެކި ދާއިރާތަކުގައި މަސައްކަތްކުރާ މީހުންނާ ވަކިވަކިން ބައްދަލުކުރައްވައި، އެ ދާއިރާއެއްގައި މަސައްކަތްކުރާ މީހުންގެ ހުރި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ރައީސް މުޢިއްޒު ގެންދަވަނީ ސިލްސިލާ ބައްދަލުވުންތައް ބާއްވަމުންނެވެ.




