އައްޑޫ ސިޓީ ހިތަދޫގައި ”ސްކޫޕް“ ގެ ނަމުގައި ހަރަކާތްތެރިވާ ގްރޫޕަކީ އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއް ނުވަތަ ގޭންގެއް ކަމަށް ކަނޑައަޅައިދިނުމާ އެކު، އެ ގްރޫޕަށް ނިސްބަތްވާ 9 މީހަކީ އެ ގްރޫޕުގެ މެންބަރުންކަމަށް ކަނޑައަޅައިދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ހައި ކޯޓަށް މައްސަލައެއް މިއަދު ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މިދިޔަ އަހަރު މަޖިލީހަށް ހުށަހަޅައި ފާސްކުރި ”ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނަށް“ މިދިޔަ އަހަރުގެ އެގޮސްޓު މަހު ވަނީ އަމަލުކުރަން ފަށައިފައެވެ.
ރާއްޖޭގައި ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްކުރުން ހުއްޓުވުމަށް ހަދާފައިވާ މި ގާނޫނު އޮންނަ ގޮތުން، އިންތިޒާމުވެގެން ކުށްކުރާ ގްރޫޕެއް އުފެއްދުމާއި ހިންގުމަކީ ކުށެކެވެ. މިފަދަ ކުށްކުރާ މީހުންނާއި އެކަމުގައި ބައިވެރިވާ މީހުންނަށް ވެސް ހަރުކަށި އަދަބުތަކެއް މި ގާނޫނުގައި ކަނޑައަޅާފައިވާއިރު، މިފަދަ ކުށްތައް ހުއްޓުވުމަށް ކަމާބެހޭ އިދާރާތަކަށް ބޮޑެތި ބާރުތަކެއް ވެސް ވަނީ ދީފަ އެވެ.
އެގޮތުން، ގޭންގު ލީޑަރުންނާއި ގޭންގު މެންބަރުން ކަނޑައެޅުމުގެ ބާރު ވެސް ފުލުހުންނަށް ވަނީ ދީފައެވެ. އެކަމަކު، ގޭންގެއް ކަމަށް ކަނޑައެޅެނީ ކޯޓު މެދުވެރިކޮށެވެ.
ޕީޖީ އޮފީހުން ބުނީ ސްކޫޕް ގްރޫޕުގެ މައްސަލަ ކޯޓަށް ހުށަހެޅީ، އެ ގްރޫޕަކީ ގޭންގެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި ފުލުހުން ފޮނުވާފައިވާ ހުށަހެޅުން ދިރާސާކުރުމަށް ފަހު ކަމަށެވެ.
ފުލުހުން ހުށަހެޅި ހުށަހެޅުމާއި ހެކިތައް ދިރާސާކޮށް ބެލިއިރު ސްކޫޕް ގްރޫޕަކީ ”ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު“ ގެ ދަށުން އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕެއްގައި ހުންނަންޖެހޭ ޝަރުތުތައް ފުރިހަމަވާ އަދި މިހާރު ވެސް ކުށްކުރުމުގައި ހަރަކާތްތެރިވާ ގްރޫޕެއް ކަމަށް ފެންނަ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.



