އަންނަ އޭޕްރީލް މަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު އަންނަ ހޮނިހިރު ދުވަހު ހުޅުވާލުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
އިންތިހާބުތަކާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރުމަށް މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ އެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މި މަހު 17 އިން ފެށިގެން އަންނަ ފެބްރުއަރީކަމުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާނެ ކަމަށެވެ.
އަދި އެ އިންތިހާބުގައި ވާދަކުރުމަށް ހުޅުވާލާ ފުރުސަތު ފެބްރުއަރީ އެއްވަނަ ދުވަހުގެ ރޭ 12:00 ގެ ފަހުން ބަންދުވާނެ ކަމަށް ޒާހިދު ވިދާޅުވެފައިވެއެވެ.
ޒާހިދު ވިދާޅުވީ މި ފަހަރުގެ އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުން ފޯމު ހުށަހަޅަން ޖެހޭނީ ޕޯޓަލް މެދުވެރިކޮށް އެމީހަކު އަމިއްލައަށް އެމީހެއްގެ އީފާސް މެދުވެރިކޮށް ކަމަށެވެ.



