ހުޅުމާލެ 3ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ނިމެން ކައިރިވެފައިވާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްއޭސީއެލް އިން ބުނެފިއެވެ.
ހުޅުމާލެ 3 ވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތުގެ ދަށުން ޖުމުލަ 63 ހެކްޓަރުގެ ބިން ހިއްކާނެއެވެ.
އެ މަސައްކަތް ކުރިއަށްގޮސްފައިވާ ހިސާބާ ގުޅޭގޮތުން އެމްއޭސީއެލްއިން މިއަދު ބުނީ މަސައްކަތްތައް ޝެޑިއުލާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ.
އެގޮތުން މި މަސައްކަތުގެ ދަށުން މިހާތަނަށް 59 ހެކްޓަރުގެ ހިއްކުމުގެ މަސައްކަތް މުޅިން ނިންމާފައިވާ ކަމަށާއި އެއީ މުޅި މަޝްރޫޢުގެ %94 ހެކްޓަރު ކަމަށް އެމްއޭސީއެލް އިން ބުނެފައި ވެއެވެ.
ހުޅުމާލެ ފޭސް 3 ގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ދެ ބޮޑު ޑްރެޖަރު ބޭނުން ކުރަމުންދެ އެވެ. އެއީ 22,000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުންނަ ޕްރިންސް ޑަރ ނެދަލޭންޑެން އާއި، ހަމަ އެ ކެޕޭސިޓީގެ އޮރަންޖް އެވެ. މި ދެ ޑްރެޖަރުންވެސް ދަނީ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދަމުންނެވެ.
އެމްއޭސީއެލް އިން ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. އެ ކުންފުނީގެ އަމާޒަކީ މި މަހުގެ މެދުތެރޭގަ މުޅި މަޝްރޫއުގެ މަސައްކަތް ނިންމާލާ، ސަރުކާރާ ހަވާލުކުރުމެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، މާލޭގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުންތަކުގައި ވިދާޅުވެފައިވަނީ މި މަހުގެ ނިޔަލަށް މަސައްކަތް ނިންމާ، މި މަހުގެ ތެރޭގައި ފޭސް ތިނަކުން ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
އަދިި ހައުސިން މިނިސްޓަަރުވެސް ވަނީ އެކަން ހާމަކުރައްވާފައެވެ.



