އިއްޔެ ލިބުނު ކާމިޔާބާއެކު ދެން މަސައްކަތް ކުރަންވީ އިދިކޮޅު އެމްޑީޕީއަށް މިއަހަރުގެ ލޯކަލް ކައުންސިލު އިންތިހާބާއި 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުވެސް ކާމިޔާބު ކޮށްދިނުމަށް ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ޕްރައިމަރީ ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވި އާދަމް އާޒިމަށް މަރުހަބާ ކިޔުމަށް ރޭގައި ބޭއްވި އިވެންޓުގައި ވާހަކަދައްކަވަމުން އާޒިމް ވަނީ އޭނާއަށް ޕްރައިމަރީ ކާމިޔާބުކުރުމަށްޓަކައި މަސައްކަތް ކޮށްދިން އެންމެނަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި އެމްޑީޕީގެ އާންމު މެންބަރުންގެ ފަރާތުން ލިބުނު ތާއީދަށް ވެސް ޝުކުރު އަދާކުރެއްވިއެވެ.
އާދަމް އާޒިމް ވިދާޅުވީ މޭޔަރުކަމުގެ ޕްރައިމަރީ އޭނާއަށް ކާމިޔާބުވުމަކީ އެމްޑީޕީއަށް ލިބުނު ކާމިޔާބެއް ކަމަށެވެ. އަދި އޭނާ އެދެނީ އޭނާއާ ވާދަކުރެއްވި ކެންޑިޑޭޓާއި އެހެން ބޭފުޅުން ވެސް އޭނާއާއެކު މާލޭގެ މޭޔަރުކަމާއި، ކައުންސިލާއި، މުޅި ކައުންސިލް އިންތިޚާބު ކާމިޔާބުކުރުމަށް މަސައްކަތް ކުރުން ކަމަށް ވިދާޅުވިއެވެ. އަދި އެއަށްފަހު ދެން އަންނަ ރިޔާސީ އިންތިޚާބު ވެސް އެމްޑީޕީން ކާމިޔާބުކޮށް، ރާއްޖެ އަލުން ހަމަ މަގަށް އެޅުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
”ހަމައެއާއެކު އެ ދާ ގޮތަށް ގޮސް، އިރާދަކުރެއްވިއްޔާ އެމްޑީޕީއަށް 2028ގެ ވެރިކަން ހޯދައިދޭނީ އަޅުގަނޑުމެން އެންމެން މަސައްކަތްކޮށްގެން،“ އާދަމް އާޒިމް ވިދާޅުވިއެވެ.
މީގެއިތުރުން އާދަމް އާޒިމް ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ނުލިބޭހާ ހިނދަކު ރައްޔިތުން ތިބޭނީ ނިކަމެތި ކަމުގައި ކަމަށާއި އެކަން ބަދަލުވާނީ ވެރިކަން ލިބިގެން ކަމަށެވެ.



